ގިނަ ބަޔަކު އެދޭތީ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލުމުގެ ވަގުތު މިއަދު 6:00 އަށް ވަނީ އިތުރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.

މީގެ ކުރިން އެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަަމަވާން އޮތީ މިއަދު މެންދުރު ފަހު 3:00 އަށެވެ/

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ގިނަ ބަޔެއްގެ އެދުމުގެ މަތިން މިއަދު އިރުއޮއްސި 6:00 އަށް އެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު އެއް ދުވަހެއްގައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުންނެވެ. ގާނޫނުގެ ދަށުން ކޮމިޓީއަށް މާލީ ބާރުވެރިކަންދީ، އިތުރު ބާރުތަކެއް ވަނީ ދީފައެވެ.

ކުރިން އެ އިންތިހާބު ބާއްވަމުން އަންނަނީ، ހޯމް މިނިސްޓްރީގެ ދަށުންނެވެ.

ގާނޫނަށް ގެނައި ބަދަލާއެކު 3،000 އަށްވުރެ މަދު އާބާދީތަކުން ދެ މެމްބަރުން އަދި 3،000 އަށް ވުރެ ގިނަ އާބާދީތަކުން ތިން މެމްބަރުން ކޮންމެ ރަށަކުންވެސް އަންހެނުންގެ ކޮމިޓީއަށް އިންތިހާބު ކުރާނެ އެވެ. ތިން ސިޓީ 24 މެމްބަރުން އިންތިހާބު ކުރާއިރު، ޖުމްލަ 179 ރަށަކުން 372 މެމްބަރުން އިންތިހާބު ކުރާނެއެވެ.

comment ކޮމެންޓް