ފޮރިން މިނިސްޓަރު ޝާހިދު ޖެނީވާއަށް ވަޑައިގެންފި

ފެބްރުއަރީ 12، 2020: އަބްދުﷲ ޝާހިދު ނޫސްވެރިންނަށް މައުލޫތު ދެނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި ލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖެނީވާއަށް ވަޑައިގެންފި އެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ 80 މެމްބަރު ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. މި ބައްދަލުވުމުގައި މިމަހުގެ 25 ވަނަ ދުވަހު، ދިވެހި ސަރުކާރުން އިންސާނީ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމުގައި ހާސިލުކޮށްފައިވާ ކުރިއެރުންތަކާއި، ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާ ބެހޭގޮތުން މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މި ދަތުރުފުޅުގައި އދގެ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް މިޝެލް ބެޝެލޭއާ މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައެއް ޖަމްއިއްޔާތަކުގެ ވެރިންނާއެކު މިނިސްޓަރު މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. މި މަޝްވަރާތަކުގެ ސަބަބުން މިހާރުވެސް ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެ ގާއިމްކޮށްފަިވާ ގުޅުންތައް އިތުރަށް ބަދަހިވެ، އެ ފަރާތްތަކާ ގުޅިގެން މުސްތަގްބަލުގައި އިންސާނީ ހައްގުތަކުގެ ރޮނގުން އިތުރު މަސައްކަތްކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ހިއުމަން ރައިޓްސް ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި އިތުރު ތިން ހަރަކާތެއްގައި ވެސް މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ ކޮމަންވެލްތް އޮފް ނޭޝަންސްއާއި، އެލަޔަންސް ފޮ މަލްޓި ލެޓަރަލިޒަމް އަދި ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބަރޝިޕްގެ ފަރާތުން ބާއްވާ ހަރަކާތްތަަކެކެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ހާލާ ހަމީދާއި އެމްބެސެޑަ އެޓް ލާޖް ޑރ.އާސިމް އަހްމަދުގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުންނެވެ.

comment ކޮމެންޓް