ވަޓްފޯޑް ބަލިކޮށް ޔުނައިޓެޑުގެ އަމާޒު ގަދަހަތަކަރަށް

ވަޓްފޯޑް ކޮޅަށް ގޯލު ޖެހުމަށްފަހު ޔުނައިޓެޑުގެ ފޯޥާޑް އެންތޮނީ މާޝިއަލް އުފާފާޅު ކުރަނީ --- ފޯޓޯ: ސްޓީފެން ކްރީކް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެޓްފޯޑް އަތުން ހޯދި ބޮޑު މޮޅާ އެކު މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރަކަށް އެރުމުގެ އުންމީދު ބޮޑުކޮށްފި އެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 0-3 ގެ ބޮޑު ނަތީޖާއަކުންނެވެ. މިފަހަރުގެ ސީޒަން ފެށިގެން ލީގުގެ ވަރަށް ފަހަތުގައި އޮތުމަށްފަހު ކުޅުން ރަނގަޅުކޮށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެގޮތުން މީގެ ދެމަހެއް ކުރިން ތާވަލުގެ 10 ވަނައިގައި އޮތް އިރު ރޭގެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ވަނީ ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފަ އެވެ.

މިހާތަނަށް ކުޅުނު 27 މެޗުން ލިބުނު 41 ޕޮއިންޓާ އެކު ޔުނައިޓެޑް ފަސްވަނައިގައި އޮތް އިރު އެ ޓީމުގެ ދަށުން 40 ޕޮއިންޓް ހޯދައިގެން ހަވަނައިގައި އޮތީ ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އަތުން ބަލިވި ޓޮޓެންހަމް އެވެ. ހަތަރުވަނައިގައި ޗެލްސީ 45 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ލެސްޓާ ސިޓީއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ 57 ޕޮއިންޓާ އެކު ދެވަނައިގައި އޮތް އިރު އެއްވަނައިގައި ލިވަޕޫލް އޮތީ 76 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗަށް މެންޗެސްޓާ ޔުނައިޓެޑުން ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ޓީމުގައި ނުހިމަނަ އެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް މާކޮސް ރަޝްފޯޑް އަދި ހުއަން މަޓާ ވެސް އެ މެޗުގައި ކުޅެފައެއް ނުވެ އެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ 42 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފަނެންޑޭޒް އެވެ. އެއަށްފަހު ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއަލްގެ ގޯލުން އެ ޓީމުން ލީޑު ފުޅާ ކުރި އިރު ތިންވަނަ ގޯލު 75 ވަނަ މިނަޓުގައި ޖަހައިދިނީ ޒުވާން ފޯވާޑް މޭސަން ގްރީންވޫޑް އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ދެން އަންނަ މެޗެއްގައި އެވަޓަންއާ ދެކޮޅަށް ނުކުންނަ އިރު ރޭގެ މެޗުން ބަލިވި ވަޓްފޯޑުން އަންނަ މެޗުގައި ބައްދަލު ކުރާނީ އެއްވަނައިގައި އޮތް ލިވަޕޫލާ އެވެ.

comment ކޮމެންޓް