އޯޑިއޯ ލީކްވުމުން ނަހުލާގެ ހިތްހަމަނުޖެހުން އަލީ ވަހީދަށް

އަލީ ވަހީދާއި ނަހުލާ: އެ ދެބޭފުޅުންގެ އިތުރު އޯޑިއޯއެއް ވަނީ ލީކްވެފައި --- ސަން ފައިލް ފޮޓޯ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަ ދައްކަވާ އިތުރު އޯޑިއޯއެއް ލީކު ކޮށްލައިފި އެވެ. މި އޯޑިއޯ އަކީ ނަހުލާ އަލީ ވަހީދަށް ގުޅައި ހިތްހަމަނުޖެހުންފާޅުކުރާ އޯޑިއޯއެކެވެ.

އަލީ ވަހީދާއި އޭނާގެ ގާތް ރަހުމަތްތެރިޔާ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)އާ ދެ ބޭފުޅުން ދެއްކެވި ވާހަކަތަކެއް ބައި ބަޔަށް ބަހާލައިގެން މިދިޔަ ހަފްތާގެ ތެރޭ ވަނީ ލީކް ކޮށްލާފައެވެ. އޭގެތެރޭގައި އަލީ ވަހީދު، މިނިސްޓަރު ނަހުލާ އަށް ކުރެއްވި ފޯނު ކޯލަކާއި އެ ފޯން ކޯލަށްފަހު، އަޑުބަރޭއާއެކު ނަހުލާއަށް އަމާޒުކޮށް ދެއްކެވި ހުތުރު ވާހަކަތައް ވެސް ލީކް ކުރި އޯޑިއޯތަކުގެ ތެރޭ ހިމެނެއެވެ. އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އެ އޯޑިއޯތަކަކީީ ސައްހަ ނޫން އޯޑިއޯތަކެއް ކަމަށް އަލީ ވަހީދު ވަނީ އޭރު ވިދާޅުވެފައެވެ.

މިރޭ ލީކް ޝޯޝަލް މީޑިއާގައި ލީކްކޮށްލައިވާ އޯޑިއޯ އިން އަލީ ވަހީދާއި ނަހުލާ ދައްކާފައިވާ ވާހަކަތަކުން އެނގޭ ގޮތުންގައި އެވާހަކަތަކަކީ، މީގެ ކުރިން ލީކްކޮށްލި އޯޑިއޯތައް ލީކްވުމަށްފަހު، ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވެއެވެ. އެގޮތުން ލީކުވި އޯޑިއޯއާ ގުޅުވައި ހިތްހަމަނުޖެހުން ފާޅުކުރައްވާ ނަހުލާ، އަލީ ވަހީދާ ވާހަކަ ދައްކަވާ އަޑު މިއަދު ލީކްކޮށްލި އޯޑިއޯ އިން އިވެއެވެ.

އެ އޯޑިއޯގައި ނަހުލާ ވިދާޅުވީ، އެއީ އަލީ ވަހީދު ވަރަށް ހަޑިކޮށް ކުރެއްވި ކަމެއް ކަމަށެވެ. ޖާވާބުގައި އަލީ ވަހީދު ވިދާޅުވީ، އެނާ ހަޑިކޮށް ކަމެއް ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ގުޅާފައި، ސްޕީކަރަށް ލައިފައި، ރައްޓެހިން ބައިތިއްބައިގެން ވާހަކަ ދައްކާވާފައި އެއީ ހަޑިކޮށް ކުރި ކަމެއް ނޫނޭ ވިދާޅުވީމާ، ކިހިނެތްތޯ އެކަން ގަބޫލުކުރާނީ. އަޅުގަނޑު މިނިސްޓަރަށް ވަރަށް އިތުބާރު ކުރަން،" އަލީ ވަހީދުގެ ޖަވާބާއެކު ވަރަށް އަސަރާއެކު ނަހުލާ ވިދާޅުވިއެވެ.

ނަމަވެސް އަލީ ވަހީދު އެ އޯޑިއޯގައި އެކަމަށް ތަކުރާރުކޮށް އިންކާރުކުރައްވައެވެ. އެ އޯޑިއޯގައި ނަހުލާ ވިދާޅުވީ، އެއީ އޭނާއާއި އަލީ ވަހީދު ވާހަކަ ދެއްކެވި ކޯލެއް ކަމަށާއި އަދި އެހެން އެޑިޓް ކުރެވޭނީ ކިހިނެއްތޯ ސުވާލުކުރައްވައިފަ އެވެ. އަދި އެ ކޯލް ކުރިކަން އެ ބޭފުޅުންނަށް ނޫނީ ނޭނގޭނެ ކަމަށް ނަހުލާ ވިދާޅުވެ އެވެ.

ނަހުލާއަށް މައްސަލައަކަށްވީ، އޯޑިއޯ ލީކް ކުރުވި މީހުންނެެއް ނޫނެވެ. ނަހުލާއަށް މައްސަލައަކަށްވީ، އަލީ ވަހީދަށް އެހާ އިތުބާރު ކުރި އިރު، އޭނާ ސްޕީކަރަށްލައި، އެ ކޯލަށް ފަހު ދެއްކި ވާހަކަތަކެވެެ.

"އަޅުގަނޑުގެ މައްސަލައަކީ ލީކް ކުރި ބައެއް ނޫން. އަޅުގަނޑުގެ މައްސަލައަކީ އަޅުގަނޑަށް ކުރި ކޯލެއް ސްޕީކަރަށް ލައިގެން ވާހަކަ ދެއްކީ،" ނަހުލާ ވިދާޅައެވެ. އެހިސާބުން އެ އޯޑީއޯ ނިމެއެވެ. އަދި އޭރުވެސް ތަކުރާރުކޮށް އަލީ ވަހީދު އެކަމަށް އިންކާރު ކުރައްވައެވެ.

comment ކޮމެންޓް