ސީއެސްއާރު ފައިސާ ބެލެހެއްޓުމުގައި ޓޫރިޒަމްގެ އިހުމާލު

ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރުމަށް ދައްކަންޖެހޭ ސީއެސްއާރު ފައިސާގެ ތެރެއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ވާކަމަށާއި، އެފަދަ ފައިސާތަކުގެ މުއާމަލާތް ބެލެހެއްޓުމުގައި ޓޫރިޒަމް މިނިސްޓްރީއިން އިހުމާލުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމަށް ސީއެސްއާރުގެ ގޮތުގައި އިންވެސްޓަރުންގެ އަތުން ފައިސާ ނަގަމުން ދިޔަ ނަމަވެސް، އެ މިނިސްޓްރީގެ 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި އެ ފައިސާތަކުގެ ހިސާބު ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށެވެ.

އެގޮތުން ސީއެސްއާރުގެ ގޮތުގައި އިންވެސްޓަރުންގެ އަތުން ނަގާފައިވާ ފައިސާގެ ޖުމްލައާއި އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު މާލީ ރިކޯޑުތަކުން އެނގެން ނެތް ކަމަށާއި. މިގޮތަށް ނެގޭ ފައިސާ ޕަބްލިކް ބެންކް އެކައުންޓަށް ޖަމާކޮށްފައި ނުވާ ކަމަށާއި އަދި ސީއެސްއާރުގެ ގޮތުގައި ނެގޭ ފައިސާގެ ގޮތުގައި ނެގޭ މިންވަރު ކަށަވަރު ކުރެވޭނެ މިންވަރަށް ރިކޯޑުތައް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނީ، ޓޫރިޒަމްއިން ސީއެސްއާރު ފައިސާގެ ގޮތުގައި އިންވެސްޓަރުންގެ އަތުން ނަގާފައިވަނީ ކިހާ ފައިސާއެއްކަން ކަށަވަރުކުރުމަށް ކުރި މަސައްކަތުން، 2017 އަދި 2018 ވަނަ އަހަރު ސީއެސްއާރުގެ ގޮތުގައި 120.7 މިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ކޯޕަރޭޓިވްތަކަށް ދެއްކުމަށް އިންވެސްޓަރުންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް، އޭގެ ތެރެއިން ލިބިފައިވާ 95 މިލިއަން ރުފިޔާއާއި ގުޅޭ އެއްވެސް ތަފްސީލެއް މިނިސްޓްރީގެ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށެވެ. ނަމަވެސް މި ފައިސާއަކީ ސަރުކާރު ހިއްސާވާ އެކިި ކުންފުނިތަކާއި ކޯޕަރޭޓިވްތަކަށް ލިބިފައިވާ ފައިސާތަކެއްކަން އެތަންތަނުން ކަށަވަރުކޮށްދީފައިވާ ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ސީއެސްއާރު ފައިސާ އާއި މެދު އަމަލު ކުރާނެ އުސޫލެއް ޓޫރިޒަމް މިނިސްޓްރީ އިން ތައްޔާރުކޮށްފައިވީނަމަވެސް އެއީ ގެޒެޓު ކުރެވިފައިވާ އުސޫލެއް ނޫން ކަމަށާއި ސީއެސްއާރުގެ ގޮތުގައި ފައިސާ ނަގާ މިންގަނޑު ސާފު ނޫން ކަމަށެވެ.

ސީއެސްއާރު ފައިސާ ދޫކޮށްފައިވާ ކުންފުނިތަކާއި ކޯޕަރޭޓިވްތައް:

  • ސިފައިންގެ ވެލްފެއާ ކޮމްޕެނީ (4.5 މިލިއަން ރުފިޔާ): އެކުންފުންޏަށް ލިބުނު ކަމަށް ކަށަވަރު ވެފައިވަނީ 47.9 މިލިއަން ރުފިޔާ. މިފައިސާ ހަރަދުކޮށްފައިވަނީ އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސްގެ ބޯޓު މެނުފެކްޗަރިން ޕްރޮޖެކްޓަށާއި ފިޝަރީޒް މިނިސްޓްރީގެ މަރާމާތަށް އަދި އާރަށުގެ ތޮށިލުމާއި ދެ ބުރި އިމާރާތަކާއި ޕެވިލިއަންއެއް ހަދައި، އޭޖީ އޮފީހުގެ މަރާމާތަށް.
  • އެމްއައިޓީޑީސީ (36.6 މިލިއަން ރުފިޔާ): އެކުންފުންޏަށް ލިބިފައިވާކަމަށް ކަށަވަރުވެފައިވަނީ 31.4 މިލިއަން ރުފިޔާ
  • ސްޓެލްކޯ (9.3 މިލިއަން ރުފިޔާ): މިހުރިހާ ފައިސާއެއް އެކުންފުންޏަށް ލިބިފައިވާއިރު ހަރަދުކޮށްފައިވަނީ 5.6 މިލިއަން ރުފިޔާ.
  • ޕޮލްވެކް (1.18 މިލިއަން ރުފިޔާ)
  • އެމްޓީސީސީ (13.87 މިލިއަން ރުފިޔާ): މީގެ ތެރެއިން އެކުންފުންޏަށް ލިބިފައިވަނީ 632،220 ރުފިޔާ. އެކުންފުންޏަށް ނުލިބޭ 13.4 މިލިއަން ރުފިޔާ. އެކުންފުންޏަށް ލިބުނު ކަމަށް އެމްޓީސީސީ އިން ކަށަވަރުކޮށްދިން ފައިސާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ލިޔެކިޔުމުން ނުދައްކާ ދެ ލައްކަ ރުފިޔާ ހިމެނޭ
  • ޕީއެސްއެމް (ހަ މިލިއަން ރުފިޔާ): އެކުންފުންޏަށް ނުލިބޭ 308،400 ރުފިޔާ ހިިމެނޭ. އަދި މިނިސްޓްރީގެ ހިސާބުތަކުން ނުދައްކާ 231،300 ރުފިޔާ އެ ކުންފުންޏަށް ލިބުނު ފައިސާގެ ތެރޭ ހިމެނޭ
  • އެސްޓީއޯ (314،830 ރުފިޔާ): މީގެ ތެރެއިން އެއްވެސް ފައިސާއެއް އެކުންފުންޏަށް ލިބިފައިވާކަމަކަށް ނުދައްކާ

ފައިސާގެ ތަފްސީލު އެނގޭނެހެން މާލީ ބަޔާންތަކުގައި ރިކޯޑުކޮށްފައި ނުވާތީ، އޮޑިޓް އޮފީހުން ވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ޓޫރިޒަމް އަށް ލިބޭ ފައިސާ ޕަބްލިކް އެކައުންޓަށް ޖަމާކުރުމަށް ލަފާ ދީފައެވެ. އަދި ސީއެސްއާރު އުސޫލު އާންމުކޮށްފައި ނުވާތީ، އެ އުސޫލު ގެޒެޓުގައި އާންމު ކުރުމަށްފަހު އުސޫލަށް އަމަލުކުރުމަށާއި، ސީއެސްއާރުގެ ފައިސާ މާލިއްޔަތު ގަވައިދާ އެއްގޮތަށް ހުޅުވާލެވިފައިވާ ވާދަވެރި މާހައުލެއްގައި ހަރަދު ކުރުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.

comment ކޮމެންޓް