މިރޭ ފުލުހަށް ހާޒިރުވާން މުއިއްޒަށް އަންގައިފި

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމް އިން ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މިރޭ 20:00 ގައި ފުލުހަށް ހާޒިރުވުމަށް މުއިއްޒަށް އަންގާފައިވާ ކަމަށެވެ.

މުއިއްޒު ފުލުހަށް ހާޒިރުކުރަކީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ދައުލަތުން ނޫމަޑިއަށް ބަދަލުގެ ގޮތުގައި 845 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ މައްސަލައިގައި މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާނާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ.

އަދި އެ ތަހުގީގު ހިންގުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

ހަމައެއާއެކު ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފުލެޓްތައް ދިން ގޮތް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ފާސްކޮށްފައެވެ.

މުއިއްޒު މީގެކުރިން ވިދާޅުވީ އެ މައްސަލަ ބަލަން އުޅެނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލާފާނެތީ ބިރުން ކަމަށެވެ. މުއިއްޒުގެ މޭޔަރުކަމުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ.

comment ކޮމެންޓް