ދެކުނު ކޮރެއާގައި އެއް ދުވަސް ތެރޭ 229 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދެކުނު ކޮރެއާގައި ކޮރޯނާވައިރަހުގެ ސަބަބުން ދެ މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ސޯލް (ފެބްރުއަރީ 22): ދެކުނު ކޮރެއާގައި އެއް ދުވަސް ތެރޭ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެގުނައަށް އިތުރުވެއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ހެލްތު އޮފިޝަލުން މިއަދު ބުނި ގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ އެގައުމުގައި 229 މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފަ އެވެ. އެއާ އެކު އެގައުމުގައި މިހާތަނަށް ވައިރަސް ހުރި މީހުންގެ އަދަދު މިހާރު ވަނީ 433އަށް އަރާފަ އެވެ.

ދެކުނު ކޮރެއާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ)އިން ބުނި ގޮތުގައި އިއްޔެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 މީހުންނަކީ އެގައުމުގެ އިރުދެކުނުގައި އޮންނަ ޗެންގްޑޯގެ ހޮސްޕިޓަލެއްގައި ތިބި މީހުންނެވެ. އަދި ވައިރަސް ޖެހުނު މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ މުވައްޒަފުންވެސް ހިމެނެ އެވެ.

އެ ހޮސްޕިޓަލުގައި ކޮރޯނާވައިރަސް ޑިޒީސް (ކޯވިޑް-19)ގެ ސަބަބުން ބުދަ ދުވަހު 63 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ބޫސާންއަށް ގެންދިޔަ މީހަކުވެސް އިއްޔެ ވަނީ އެބަލީގައި މަރުވެފަ އެވެ.

މީގެ އިތުރުން އިއްޔެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 62 މީހުންނަކީ ޗެންގްޑޯއާ ކައިރީ އޮންނަ ޑައެގޫ ސިޓީގައި ހުންނަ ފައްޅިއަކަށް ދާ މީހުން ކަމަށާއި އޭގެ ސަބަބުން އެ ފައްޅިއާ ގުޅުން ހުރި 9،336 މީހަކު ކަރަންޓީނުގައި ތިބެން އަންގާފައިވާ ކަމަށް ކޭސީޑީސީން ބުންޏެވެ. އަދި އެ ފައްޅި މިހާރު ބަންދުކޮށް، ޗެންގްޑޯ އާއި ޑައެގޫ "ސްޕެޝަލް ކެޔާ ޒޯނު"ގެ ގޮތުގައި ކަނޑައަޅާ، އެސަރަހައްދުގައި ތިބޭ މީހުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރު ކުރުމަށް ކޭސީޑީސީން ވަނީ އަންގާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއިން ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސްއަށް މިހާތަނަށް 76,288 މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 2,345 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ޗައިނާއިން ބޭރުގައި މަރުވި 15 މީހަކުވެސް ހިމެނެ އެވެ.

comment ކޮމެންޓް