ދުނިޔޭގެ ސްކައުޓް ހަރަކާތް "ފައުންޑާސް ޑޭ" އާއެކު ގާލް ގައިޑުން ފާހަގަކުރާ "ތިންކިން ޑޭ" މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފި އެވެ.
ގާލް ގައިޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގައުމީ ފެންވަރުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ތިންކިން ޑޭ ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއެވެ.
ރެހެންދީ ސްކޫލުގައި މިއަދު ހެނދުނު، ދުނިޔޭގެ ތިންކިން ޑޭ ފެށިއިރު އެ ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާ ނިއުމަތު ޝަފީގު ވިދާޅުވީ ތިންކިން ޑޭއާ ގުޅުވައިގެން ހާއްސަ ބެޖެއްގެ ހަރަކާތެއް ކުރިއަށް ގެންދާ ކަމަށެވެ.

މިއަހަދު ރެހެންދި ސްކޫލުގައި، ވޯލްޑް ތިންކިން ޑޭ ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ
އެ ބެޖަކީ އެ ޒަމާނެއްގައި އަދި އެ ދުވަސްކޮޅެއްގައި އަންހެންކުދީންނާއި މުޖުތަމައުގައި ހުރި ގޮންޖެހުންތަކަށް އަމާޒުކޮށްގެން ތަރުތީބު ކުރެވޭ ހަރަކާތެއް ކަމަށް ނިއުމަތު ވިދާޅުވިއެވެ.
އެގޮތުން މިއަހަރުގެ ހަރަކާތް އަމާޒުކުރާނީ ބައިވެރިކުރުމާއި، ޑައިވާސިޓީ އަދި ޓޮލަރެންސް އާ ގުޅުންހުރި ކަންތައްތަކާ ގުޅުވައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަހަދު ރެހެންދި ސްކޫލުގައި، ވޯލްޑް ތިންކިން ޑޭ ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ
ނިއުމަތު ވިދާޅުވީ މިއަހަރުގެ ތިންކިން ޑޭ ހަރަކާތުގައި ޖުމްލަ 170 ލީޑަރުން ބައިވެރިވާއިރު 16 ސްކޫލަކުން ދަރިވަރުން ބައިވެރިވާ ކަމަށެވެ. އެގޮތުން 4،300 އެއްހާ ދަރިވަރުން އެ އިވެންޓުގައި ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހަރަކާތް އަތޮޅުތަކުގައިވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
ވޯލްޑް ތިންކިންގް ޑޭއަކީ 1926 ވަނަ އަހަރުން ފެށިގެން ގާލްގައިޑް އަދި ގާލް ސްކައުޓުގެ ހަރަކާތުގެ ތެރެއިން ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހެކެވެ. އެ ދުވަހުގެ މަގްސަދަކީ ބައިނަލްއަގުވާމީ އެކުވެރިކަން ފާހަގަކުރުމާއި، ފުރާވަރާއި ޒުވާން އުމުރުގެ އަންހެންކުދިންނަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ގާލްގައިޑް އަދި ގާލް ސްކައުޓު ހަރަކާތްތަކަށް ފަންޑްރެއިޒްކުރުމެވެ.
ދުނިޔޭގެ 150 ގައުމެއްގައި ގާލްގައިޑް އަދި ގާލްސްކައުޓް ހަރަކާތް ހިނގާ އިރު، ދުނިޔޭގެ އެކި ކަންކޮޅުގައި 10 މިލިއަނަށްވުރެ ގިނަ އަންހެންކުދިންނާއި އަންހެނުން ގާލްގައިޑުންނާއި ގާލްސްކައުޓު ހަރަކާތުގައި ބައިވެރިވެއެވެ.