ލަންކާގައި މޫނު ބުރުގާ މަނާކުރަން ޕާލަމެންޓް ކޮމިޓީއަކުން ހުށަހަޅައިފި

ލަންކާގެ ޕާލަމަންޓްގެ ޖަލްސާއެއްގެ ތެރެއިން--

ކޮލަމްބޯ (ފެބްރުއަރީ 21): ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރަން އެގައުމުގެ ޕާލަމެންޓުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ހުށަހަޅައިފިއެވެ.

ލަންކާގެ އާންމު ތަންތަނުގައި މޫނު ނިވާކުރުން މަނާ ކުރުމަށް އެ ކޮމިޓީން ލަފާ ދިނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތައް ފަދަ ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ޕާލަމެންޓަށް ހުށަހެޅި ރިޕޯޓެއްގަ އެވެ.

އެ ރިޕޯޓު ހުށަހަޅާ ދެއްވި ކޮމިޓީގެ ޗެއާމަން މަލިތު ޖަޔަތިލަކެ ވަނީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް މޫނު ބުރުގާ މަނާކޮށްފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސްއިންވެސް އެއް އިރެއްގައި މޫނު ބުރުގާ މަނާކުރި ކަމަށާއި އެއީ އެ ޖަމާއަތުން ކޮންޓްރޯލު ކުރާ ސަރަހައްދުތަކަށް މޫނު ބުރުގާ އަޅައިގެން ތިބެ ބަޔަކު ހަމަލާތާދޭތީ ކަމަށް ވިދާޅުވެފަ އެވެ.

އެ ރިޕޯޓުގައި ވަނީ އާއްމު ތަނެއްގައި މޫނު ފޮރުވައިގެން ހުންނަ މީހަކީ ކާކުކަން ޔަގީން ކުރުމަށްޓަކައި އެމީހެއްގެ މޫނު ދެއްކުމަށް ފުލުހުންނަށް އަމުރު ކުރެވެން ޖެހޭނެ ކަމަށާއި އެ އަމުރަށް ތަބާނުވާ މީހަކު ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެރިޕޯޓުގައި ވަނީ ނެޝަނަލް ޑިފެންސް ޕޮލިސީ، ދީނީ ސްކޫލުތައް ހިންގުން، އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގާނޫނު އިސްލާހު ކުރުން، މުސްލިމުންގެ ކައިވެންޏާއި ވަރިއާ ބެހޭ ގާނޫނު އިސްލާހު ކުރުން، ހުރިހާ ދީނަކާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އެކުލަވާލުން ފަދަ 14 ދާއިރާއަކާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ލަފާ ދީފަ އެވެ.

comment ކޮމެންޓް