އައްޑޫ އާ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުން --- ފޮޓޯ/ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތުގައި ތަރައްގީކުރި އާ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފަށާފައި ވަނީ މިއަދެވެ. ހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނީ ހިދުމަތް ފެށުމުގެ ކުރިން އެ ހޮސްޕިޓަލުގެ އެކްސްރޭ ޓެކްނީޝަނުންނާއި، ޑޮކްޓަރުންނާއި ނަރުހުން ސީޓީ ސްކޭންގެ ހިދުމަތަށް އަހުލުވެރި ކުރުމަށް ތަމްރީނު ދީފައިވާނެ ކަމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހިދުމަތް ދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލުން ހިދުމަތް ދެން ފެށުމާއެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން ގެންދިޔަ 10 ހިދުމަތެއް ވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އަދި ސީޓީ ސްކޭންގެ ހިދުމަތާއެކު މިހާރު އިކުއެޓޯރިއަލް ހޮސްޕިޓަކުން 11 ހިދުމަތެއް އަންނަނީ ދެމުންނެވެ.

އައްޑޫގެ އާ ހޮސްޕިޓަލްއަކީ 100 އެނދުުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

comment ކޮމެންޓް