ޓްރާންސްފާ މާކެޓުގެ ބޭރުން ބާސެލޯނާ ކުޅުންތެރިއަކު ގެނެސްފި

ބާސެލޯނާއާ އަލަށް ގުޅުނު ފޯވާޑް މާޓިން ބްރެއިތްވެއިޓް ---

ސްޕެނިޝް ލީގުގެ ޓްރާންސްފާ މާކެޓުގެ ބޭރުން ފޯވާޑެއް ސޮއި ކުރުމަށް ބާސެލޯނާއަށް ދިން ހާއްސަ ފުރުސަތުގެ ބޭނުން ހިފައި ލީގު ތާވަލުގެ ފުލުން ދެވަނައިގައި އޮތް ލެގަނެސްގެ ފޯވާޑް މާޓިން ބްރެއިތްވެއިޓްގެ ސޮއި އެ ކުލަބުން ހޯދައިފި އެވެ.

ބާސެލޯނާގެ ދެ ފޯވާޑުން ކަމަށްވާ އުސްމާން ޑެމްބެލޭއާއި ލުއިސް ސުއަރޭޒްގެ އަނިޔާއާ ގުޅިގެން އެ ޓީމުގެ ފޯވާޑުން މަދުވެފައިވާ އިރު ސްޕެނިޝް ރޯޔަލް ފެޑެރޭޝަނުން ވަނީ އެކުލަބަށް ޓްރާންސްފާ މާކެޓުގެ ބޭރުން ކުޅުންތެރިއަކު ގެނައުމަށް ހާއްސަ ފުރުސަތެއް ދީފަ އެވެ. އެއާ އެކު ސްޕެއިނުގެ ފުޓުބޯޅަ ފެޑެރޭޝަނަށާއި ބާސެލޯނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު ބާސެލޯނާއިން ވަނީ މިއަދުގެ ވަގުތެއްގައި ފޯވާޑެއްގެ ސޮއި ހޯދައިފަ އެވެ.

ލީގުގެ ޑިފެންޑިންގް ޗެމްޕިއަން ބާސެލޯނާއިން މިއަދު ސޮއި ހޯދާފައި ވަނީ މިވަގުތު ރެލިގޭޝަން ޒޯނުގައި އޮތް ލެގަނެސްގެ ފޯވާޑް މާޓިން ބްރެއިތްވެއިޓް އެވެ. އުމުރުން 28 އަހަރުގެ ބްރެއިތްވެއިޓްގެ ސޮއި ބާސެލޯނާއިން ހޯދާފައި ވަނީ 18 މިލިއަން ޕައުންޑުގެ އަގަކަށެވެ. ކުޅުންތެރިޔާއާއި ދެމެދުގައި ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ބާސެލޯނާއިން މިއަދު ސޮއި ކުރި އިރު ބްރެއިތްވެއިޓްގެ ރިލީޒް ކުލޯސް އަކީ 300 މިލިއަން އެވެ.

މިފަހަރުގެ ލީގުގައި ކުޅުނު 24 މެޗުގައި ހަ ގޯލު ޖެހި ބްރެއިތްވެއިޓްގެ މައްސަލައިގައި ލެގަނޭސްއިން ވަނީ ފެޑެރޭޝަންގައި މައްސަލަ ވެސް ޖައްސައިފަ އެވެ. ބާސެލޯނާއަށް ވީމާ ވަކި ގަވާއިދެއް ނެހެދޭނެ ކަމަށް ބުނެ ލެގަނޭސްއިން މައްސަލަ ޖެއްސި އިރު ބައެއް އެހެން ކުލަބުތަކުން ވެސް އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ބާސެލޯނާ މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި އެއް ޕޮއިންޓް ދަށުގައި އޮތް ބާސެލޯނާއަށް އަންނަ މަހު ކުޅޭ އެލްކުލެސިކޯ އިން މޮޅުވެގެން އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް އިރު ޗެމްޕިއަންސް ލީގުގައި ވެސް މުހިއްމު މެޗުތަކެއް އެ ޓީމަށް ކުރިއަށް އޮތް ދުވަސްތަކުގައި އެބައޮތެވެ.

comment ކޮމެންޓް