ދުނިޔެ ދަނީ ބަދަލުވަމުން، ޒަމާނީ ތައުލީމް ދަރިންނަށް ދޭން ޖެހޭ: ރައީސް

ރިނބުދޫ ސްކޫލަށް 50 އަަހަރު ފުރުމާ ގުޅިގެން މިރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާ ރައީސް ސޯލިހް ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދުނިޔެ ދަނީ ބަދަލުވަމުން ކަމަށާއި ޒަމާނީ ތައުލީމް ދަރިންނަށް ދޭން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިނބުދޫ ސްކޫލަށް 50 އަަހަރު ފުރުމާ ގުޅިގެން މިރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ރައީސް ސޯލިހް ވިދާޅުވީ ދަރިންނަށް ކިޔަވައިދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެއްކަމުގައި ހަމަޖައްސައި ބަޖެޓުގެ އެންމެ ބޮޑު ބައެއް ހާއްސަ ކުރެވިފައިވަނީ ދަރިންނަށް ކިޔަވައިދިނުމަށް ކަމަށެވެ.

ތައުލީމީ ސިޔާސަތު އެގޮތަށް ބަދަލުކުރީ ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށްފަހު އަދި ވަރަށް ގިނަ މަގްސަދުތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ ރާއްޖެ ހަލުވިމިނުގައި ތަރައްގީކޮށް ކުރިއެރުވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކާ ތަރައްގީއާ އެއް ހަމައެއްގައި އަޅުގަނޑުމެންގެ އިގްތިސާދީ ދުވެލި ބެހެއްޓޭނީ އާންމު ރައްޔިތުންގެ ކިބައިގައި ތަރައްގީގެ ވިސްނުން ހުރެގެން ކަމަށެވެ. އެކަން އަޅުގަނޑުމެންނަށް ހާސިލްކުރެވޭނީ ދަރިންނަށް ޒަމާނީ ތައުލީމް އުނގަންނައިދީގެންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދުނިޔެ އަންނަނީ ހުރިހާ ދާއިރާތަކަކުންވެސް، ވަރަށް ބޮޑަށް ކުރިއަރަމުން، ވަރަށް ބޮޑަށް ބަދަލުވަމުން. އެހެންވީމާ، މިއަދު އަޅުގަނޑުމެން ދަރިންނަށް ދޭންޖެހެނީ މިޒަމާނުގެ ތައުލީމް. މިޒަމާނުގައި މަސައްކަތްތެރިކަމާއި ފަންނުވެރިކަންވެސް ކުރިއަރަމުން އަންނަނީ، ތައުލީމީ ފަލްސަފާގެ ތެރެއިން. މިޒަމާނުގައި އިލްމާ ނުލައި ކުރާ އެއް ކަމެއްވެސް ނެތް،" ރައީސް ވިދާޅުވިއެވެ.

ވަޑާންކުރުންވެސް، އޮޑިދޯނިފަހަރު ބަނުންވެސް، ގެދޮރު ޢިމާރާތް ކުރުންފަދަ ކޮންމެ މަސައްކަތަކީ، ޢިލްމީ އެތައް ތިއަރީއެއްގެ މައްޗަށް ބިނާކޮށް، ތަރައްގީކޮށްފައިވާ މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިއީ މިއީ، ވަކި ގްރޭޑަކުން ދަރިފުޅު ސްކޫލުން ވަކިކޮށް، މަސައްކަތަށް ފޮނުވާ ޒަމާނެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ މަސައްކަތެއް ދަސްކޮށްނުދީ، ހަމައެކަނި ސްކޫލްގެ ފިލާވަޅުތައް ހިތުދަސްކުރާ ޒަމާނެއްވެސް ނޫން ކަމަށެވެ.

" މިޒަމާނުގެ ތައުލީމަކީ، މަސައްކަތުގެ ހުނަރާ އެކުގައި އުނގެނޭ ތަޢުލީމެއް. ސްކޫލް މަރުޙަލާގެ އެންމެ މުހިންމު އެއްކަމަކީ، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރާއި ފަންނުތައް ދެނެގަނެ، އެ ހުނަރާއި ފަންނުތައް އިތުރަށް ތަރައްގީ ކުރެވޭނެ ގޮތަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން. ވަށައިޖެހޭ ތަޢުލީމެއްގެ މައިގަނޑު އަސާސަކީވެސް އެއީ." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ، ޒަމާނީ ތައުލީމް އުނގެނި، އީޖާދީ އުފެއްދުންތެރިކަމަށް ވިސްނުން ހިންގާ، ހުނަރުވެރި ޖީލެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސާނަވީއާއި މަތީ ސާނަވީ ތަޢުލީމުން މަތީ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ވަރަށް ގިނަ ގައުމުތަކުގެ ޔުނިވަރސިޓީތަކުން ކިޔެވޭނެ ފުރުސަތު ހަމަޖައްސައިދިނީ، އެ މަގްސަދު ހާސިލްކުރުމުގެ ނިޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ، މި މަދަރުސާގެ ދަރިވަރުންވެސް އަމާޒު ހިފަންވީ، ސްކޫލް މަރުޙަލާ ނިންމުމަށްފަހު، ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކުން، މަތީ ތަޢުލީމް ހާސިލްކޮށް، ގައުމުގެ ތަރައްގީގައި އަމަލީގޮތުން ބައިވެރިވާނެ ޒުވާނަކަށްވުމަށް. ގައުމު މިއަދު ބޭނުންވަނީ އީޖާދީ އުފެއްދުންތެރި ޒުވާނުންތަކަކަށް. އަދި މިރަށަށްވެސް އެފަދަ އެތައް ޒުވާނުންނެއް ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.

ރިނބުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ސަރުކާރުން އަތޮޅުތަކުގައި އެޅުމަށް ރާވައިފައިވާ ހައުސިން ޔުނިޓްތައް ގާއިމު ކުރެވުމުން އެ މައްސަލަ ހައްލުވެގެންދާނެ ކަަމަށެވެ.

"ބޯފެނާއި ނަރުދަމާ ނިޒާމެއް ނެތުމަކީ، މިރަށުގެ ރައްޔިތުންނަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް. އެ މަޝްރޫއު މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިހާރުވަނީ ޓެންޑާ ކުރެވިފައި. އޭގެ އިތުރުން، މިރަށުގެ ކަރަންޓުގެ ހިދުމަތް ތަރައްގީކުރުމުގެ މަޝްރޫއުވެސް މިއަހަރު ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް