ރިނބުދޫ ސަގާފީ މަގު ހުޅުވައި "މަރިޔަންމާ" ޕްރޮގްރާމް ރައީސް ފައްޓަވައިދެއްވައިފި

ރިނބުދޫ ސަގާފީ މަގު ހުޅުވައި "މަރިޔަންމާ" ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދ.ރިނބުދޫގެ ސަގާފީ މަގު ހުޅުވައްދެއްވައި، މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ "މަރިޔަންމާ" ކެމްޕެއިން މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ.

ރިނބުދޫ ސަގާފީ މަގަކީ ކުރެހުންތެރިންގެ ހުނަރުތަކާއެކު އެރަށުގެ ސަގާފަތް އަދި މަސައްކަތްތެރިކަމާއި ރަށާ ގުޅޭ "ފޯކުލޯ"ތައް ވެސް ދައްކުވައިދޭ މަގެކެވެ.

ރިނބުދޫ ކައުންސިލުން ބުނީ އެ މަގަކީ އެރަށުގައި ލޯކަލް ޓްއަރިޒަމް ތަރައްގީކުރުމަށް ކުރިޔަށްގެންދާ ޕްލޭންގެ ދަށުން ހުޅުވި މަގެއް ކަމަށެވެ.

ރިނބުދޫ ސަގާފީ މަގުގައި ފެންނަންހުރި ކުރެހުންތަކަކީ ކައުންސިލާ ގުޅިގެން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީގެ 16 ކުރެހުންތެރިޔަކު ކުރަހާފައިވާ ކުރެހުންތަކެކެވެ.

މަގު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މޯލްޑިވްސް އާޓިސްޓު ކޮމިއުނިޓީގެ ކުރެހުންތެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވައިފައެވެ.

ކުރެހުންތަކުގެ އިތުރުން މިއަދު އެމަގުގައި ކުރިޔަށްގެންދިޔަ ރަށުގެ މަސައްކަތްތެރިކަން ދައްކުވައިދޭ ހަރަކާތްތަކާ ސަގާފީ ހަރަކާތްތައްވެސް ރައީސް ވަނީ ބައްލަވާލައްވައިފައެވެ.

މިއަދު އިފްތިތާހްކުރި "މަރިޔަމް މާ" ޕްރޮގްރާމަކީ އުފަންވެނި ސިއްހަތާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ތުއްތު ދަރިންނާއި މާބަނޑު އަންހެނުންނާ އެމީހުންގެ ފިރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމާއި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.

އޭގެ އިތުރުން މާލީ ގޮތުންނާއި އެހެން ދާއިރާތަކުން ވެސް މާބަނޑު އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންވެސް އެ ޕްރޮގްރާމުގެ ތެރޭގައި ހިމެނެއެވެ.

"މަރިޔަމް މާ" ޕްރޮގްރާމު ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ އެ ޕްރޮގްރާމުގެ ބައިވެރިންނަށް މޭވާ ވަށިގަނޑެއް ހަދިޔާ ކޮށްދެއްވައިފައެވެ.

ރައީސް ސޯލިހު ރިނބުދޫއަށް ކުރައްވާ ދަތުރުފުޅަކީ ރިނބުދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަފްލާ ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް