މަސްފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުން: އާއިލާ

ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

ލ. ގަމުގައި މަސްފެންގަނޑަށް ވެއްޓުނު ތުއްތުކުއްޖާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފިއެވެ.

ދެ އަހަރުގެ ތުއްތު ކުއްޖާ މަސްފެންގަނޑަށް ވެއްޓުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހު އެވެ. އޭނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އޮކްޓޫބަރު 16 އާ ހަމައަށް ފަރުވާ ދެމުންގެންދިޔައީ އައިޖީއެމްއެޗްގަ އެވެ. އޭގެ ފަހުން އިތުރު ފަރުވާއަށް ދަރިފުޅު ގޮވައިގެން އާއިލާއިން ވަނީ އިންޑިއާއަށް ގޮސްފަ އެވެ.

ތުއްތު ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ފަރުވާ ނުލިބިގެން މިހާރު ދެން ގެންދިޔައީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށެވެ.

ދެއަަހަރުގެ ތުއްތު ކުއްޖާ އިންޑިއާއަށް ގެންދިޔަފަހުންވެސް ވަރަށް ގިނަ ދުވަސްވަންދެން ހޭނާރާ އޮތެވެ.

ކުއްޖާގެ އާއިލާގެ މީހެއް ކަަމަށްވާ މުހައްމަދު ތައުފީގް "ސަން" އަށް މިއަދު ބުނީ އެ ކުއްޖާ މިހާރު ހޮސްޕިޓަލުން ގެޔަށް ބަދަލުކޮށްފައިވާ ކަމަށެވެ.

" އޮކްސިޖަން ނައްޓާލައިފައި އޮތީ. އެހެންނަމަވެސް 24 ގަޑިއިރު އޮކްސިޖަން މޮނީޓާކުރަމުންދަނީ. އޮކްސިޖަން ދައްވާއިރަށް އޮކްސިޖަން ގުޅޭގޮތަށް ސްޓޭންޑްބައިގަ މިތިބެނީ. މިހާރުވެސް ހަތަރު މީހުން އެކޮޅުގައި ޑިއުޓީގައި މިތިބެނީ،" ތައުފީގް ބުންޏެވެ.

ކުއްޖާ ހޭއެރިނަމަވެސް އަދި ހަރަކާތްކުރަނީ ވަރަށް މަދުންކަމަށް ތައުފީގް ބުންޏެވެ. އެހެންކަމުން އޭނާއަށް ފިޒިއޮތޮރޮޕީ ދީ އިތުރު ފަރުވާއަށް އަދިވެސް ގިނަ ދުވަހު އިންޑިއާގައި ތިބެން ޖެހޭނެކަމަށް އޭނާ ބުންޏެވެ.

ކުއްޖާގެ ސިއްހީ ފަރުވާއަށް އާސަންދަ މެދުވެރިކޮށް ވަރަށް ފުރިހަމައަށް އެހީތެރިކަން ލިބެމުންދާކަަމަށް ތައުފީގް ބުންޏެވެ. ވަކިން ހާއްސަކޮށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ތައުފީގް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް