އަދުހަމް ގާސިމް މަރާލިކަން ޝަރީއަތަށް ސާބިތުކޮށްދޭނަން: ޕީޖީ

ފެބްރުއަރީ 12، 2020: ޕީޖީ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުހައްމަދު އަދުހަމް އިއުތިރާފަށް އިންކާރު ކުރި ނަމަވެސް، އޭނާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަން ދައުލަތުން ޝަރީއަތުގައި ސާބިތުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ގާސިމް މަރާލި މައްސަލާގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އޭނާ ވަނީ ފުލުހުންގެ ތަހުގީގާއި، މުއްދަތު މަޖިލީހުގައި އަދި ކްރިމިނަލް ކޯޓުގައި ވެސް ގާސިމް މަރާލިކަމަށް އިއުތިރާފުވެފަ އެވެ.

ނަމަވެސް އެ މައްސަލާގައި މިއަދު އޮތް އަވަސްނިޔާ ޝަރީއަތުގައި އަދުހަމް ވަނީ އެ އިއުތިރާފު އަނބުރާ ގެންގޮސް، ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދައުވާއަށް އިއުތިރާފުވެއްޖެ ނަމަ އޭނާ އަށް ލުއި ޖަލުގެ ހުކުމެއް އަންނާނެ ގޮތަށް އަދުހަމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އިއުތިރާފު އެއްބަސްވުމެއް އޮތީ ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އަދުހަމްގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.

ނަމަވެސް އަދުހަމް މިއަދު ކޯޓުގައި ދައުވާއަށް އިންކާރު ކުރުމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އަދި މިމައްސަލާގައި ޕީޖީ އޮފީހުން ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އަދުހަމް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދޭނެ ކަމަށެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ޕީޖީއިން ވަނީ އަދުހަމް ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ދައްކާފައި ހުރި ވާހަކަތައް އިއްވައިފަ އެވެ. އެ ބަޔާނަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ދިން ސައްހަ މައުލޫމާތެއް ކަމަށް އަދުހަމް އެދުވަހު ކޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް މިއަދު އަދުހަމް ކޯޓުގައި ބުނީ އޭނާ ގަސްދުގައި މީހަކު މަރާފައި ނުވާނެ ކަމަށާއި، ދައުވާއަށް އިއުތިރާފުވެފައި ވަނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ. އަދި އޭނާ މަސްތުކޮށްގެން ކޯޓަށް ގެންދަނީ ފުލުހުން ކަމަށް ބުނެ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ވެސް އަދުހަމް ކުރި އެވެ.

އެހެންކަމުން ދައުލަތުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ބޭނުން ނަމަ އެ ފުރުސަތު އޮތް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ދައުލަތުން ބުނީ މައްސަލަ ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެހެންކަމުން މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ހާމަ ކުރި އިރު އެނގިގެން ދިޔައީ، އަދުހަމް އޭނާގެ ވަޅި އެއްލާލީ ވަޅުގަނޑެއްގެ ތެރެއަށް ކަމެވެ. އޭނާގެ ގަމީހުގައި ލޭ ހޭއްކިފައި ހުރުމުން ގަމީހެއް ހޯދަން ދިޔައީ ރައްޓެއްސެއްގެ ގާތަށެވެ. ދައުލަތުން ބުނާ ގޮތުގައި، އަދުހަމް އެ ރައްޓެހި މީހާ ގާތުގައި ބުނީ އޭނާ ހާސްވެފައި ހުރީ ބިދޭސީއެއްގެ ގައިގައި ތަޅައިގަނެފައި އައުމުން ކަމަށެވެ. އަދި ރައްޓެހި މީހާ އަތުން އޮރެންޖު ކުލައިގެ ގަމީހެއް ހޯދައިގެން ދިޔައީކަމަށް ބުންޏެވެ. ލޭ ހޭކިފައި ހުރި ގަމީސް އަދުހަމް ލީ ހުސް ބިމެއްގައި އޮތް ކުނޑި ހިލަ ބަސްތާއެއް ތެރެއަށެވެ.

comment ކޮމެންޓް