ކަރަންޓީނަށްފަހު ހަތް ދިވެހިން ސަލާމަތުން އެނބުރި ރާއްޖެއަށް

ކަރަންޓީނަށްފަހު ރާއްޖެ އައި ދިވެހީންނާ، ފޮރިން މިނިސްޓްރީ އަދި އިންޑިއަން ހައިކޮމިޝަނުން ބައްދަލުކުރަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ކޮވިޑް-19 ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީއިން އިންޑިއާއަށް ގެންގޮސް ކަރަންޓީނުކުރި ހަތް ދިވެހީން މިއަދު ސަލާމަތުން ރާއްޖެއަށް އެނބުރި އަތުވެއްޖެއެވެ.

އިންޑިއާގައި ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ހަތް ދިވެހީން މިއަދު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މީހުންނަށް މަރުހަބާ ކިޔުމަށް ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު އަބްދުﷲ ހުމައިދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ ވަޑައިގަތެވެ. އަދި އޭގެއިތުރުން އިންޑިއަން ހައިކޮމިޝަންގެ އިސް ބޭފުޅުންވެސް އެއާޕޯޓަށް ވަޑައިގަތެވެ.

އެއާ އިންޑިއާގެ ފްލައިޓެއްގައި އެ ހަތް މީހުން ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 10:20 ގައެވެ. އެމީހުން ރާއްޖެ އައުމަށް ދަތުރު ފަށާފައިވަނީ މިއަދު ފަތިހު ރާއްޖެ ގަޑީން 05:30 ހާއިރުގައެވެ.

http://sun.mv/131663

އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަރަންޓީނުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖެކެވެ.

ކޮވިޑް 19 ބަލި ފެތުރެން ފެށި ޗައިނާގެ ވޫހާންއިން ނެރެގެން ދިއްލީގައި ކަރަންޓީނުކުރި ހަތް ދިވެހީންވެސް އެ ބައްޔަށް ނެގަޓިވްކަން ހާމަކުރެއްވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ވޫހާން އިން ނެރެގެން ދިއްލީއަށް ގެންދިޔަ ދިވެހީން ކަރަންޓީނު ކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހުގައެވެ.

comment ކޮމެންޓް