އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިން މާދަމާ ދޫކޮށްލަނީ

ވޫހާންގައި ތިބި ހަތް ދިވެހީން ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގައި--- ފޮޓޯ/ ސިދްހާންތް ސިބާލް (ޓްވިޓާ)

ކޮވިޑް-19 ފެތުރެން ފެށި ޗައިނާގެ ވޫހާން ސިޓީން ނެރެގެން އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިންގެ މާދަމާ ކަރަންޓީނުން ދޫކޮށްލާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން "ސަން"އަށް ވިދާޅުވީ އިންޑިއާގެ ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނު ކޮށްފައި ތިބި ދިވެހިންގެ ކަރަންޓީނު މުއްދަތު މާދަމާ ހަމަވާނެ ކަމަށެވެ.

"އެމީހުންގެ ކަރަންޓީނު ޕީރިއަޑް މާދަމާ ހަމަވާނެ. ދެން މަސައްކަތް ކުރާނީ އެމީހުން ވީ އެންމެ އަވަހަކަށް ރާއްޖެއަށް ގެންނަން." މިއުވާން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެމީހުން ރާއްޖެއަށް ގެންނާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަރަންޓީނު ކޮށްފައި ތިބި ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި އެއް ފިރިހެނެއްގެ އިތުރުން ކުޑަކުއްޖެކެވެ.

އެމީހުން ކަރަންޓީނު ކުރީ އިންޑިއާ ސަރުކާރުން ވޫހާންގައި ތިބި އެ ގައުމުގެ 323 ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށްޓަކައި ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައި އިންޑިއާއަށް ގެންދިއުމަށްފަހުގައެވެ.

https://sun.mv/131032

އިންޑިއާގައި ތިބި ދިވެހިންގެ ކަރަންޓީނު މުއްދަތު މާދަމާ ހަމަވާއިރު، މިރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އެމީހުންގެ ތެރެއިން އެކަކު ވަނީ އެ މަރުކަޒުގެ ހިދުމަތްތަކުގެ ކުރު ހުލާސާއެއް އާންމުކޮށްފައެވެ.

އެގޮތުން އެތަނުގެ ހިދުމަތްތައް ވަރަށް ފުރިހަމަ ކަމަށާއި ކޮންމެ ދުވަހަކު ވެސް ޑޮކްޓަރުން އައިސް މެޑިކަލް ޗެކަޕް ހަދާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެމީހުން ކަރަންޓީނު ކޮށްފައި ތިބީ ހަ އެނދުގެ ޖާގަ ހުންނަ ފެމިލީ ރޫމެއްގައެވެ.

comment ކޮމެންޓް