ވޫހާންއިން ނެރެ އިންޑިއާއަށް ގެންދިޔަ ހަތް ދިވެހީންގެ ހާލުވެސް ރަނގަޅު: ސަފީރު

ވޫހާންގައި ތިބި ހަތް ދިވެހީން އިންޑިއާއަށް ގެންގޮސްފައި -- ފޮޓޯ/ ސިދްހާންތް ސިބާލް (ޓްވިޓާ)

ނޮވެލް ކޮރޯނާވައިރަސް ފެތުރެންފެށި ޗައިނާގެ ވޫހާން ސިޓީއިން ނެރެ، އިންޑިއާގެ ދިއްލީ ކައިރީގައި ހުންނަ މަރުކަޒެއްގައި ކަރަންޓީނު ކުރި ހަތް ދިވެހީންގެ ހާލުވެސް ރަނގަޅު ކަމަށް އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ބުނެފި އެވެ.

ވޫހާންއިން އިންޑިއާއަށް ގެންދިޔައީ ދިވެހި ފަސް އަންހެނަކާއި ފިރިހެނަކާއި ކުޑަކުއްޖެކެވެ. އިންޑިއާ ސަރުކާރުން ވޫހާންގައި ތިބި އެ ގައުމުގެ 323 ރައްޔިތުން އެނބުރި ގައުމަށް ގެނައުމަށްޓަކައި ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައި އިއްޔެ ވޫހާންގައި ތިބި އެ ހަތް ދިވެހީންވެސް ވަނީ އިންޑިއާއަށް ގެންގޮސްފައެވެ.

އެ ހަތް ދިވެހީންވެސް މިހާރު ތިބީ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައި ކަރަންޓީނުކޮށްފައެވެ. އެ މީހުން 14 ދުވަހަށް ކަރަންޓީނުކޮށްފައި ބަހައްޓާނެ އެވެ.

އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނަރު އާއިޝަތު މުހައްމަދު ދީދީ މިރޭ "ސަން"އަށް ވިދާޅުވީ، އެ ހަތް މީހުންގެ މައުލޫމާތު ކޮންމެ ދުވަހަކުވެސް ލިބެމުންދާ ކަމަށެވެ. އަދި އެމީހުން ތިބީ ގަދަވެ ސަލާމަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހީން ކަރަންޓީނުކޮށްފައި ތިބި ކޭމްޕުން ފަސް މީހެއްގެ ފަރާތުން ކެއްސުމާއި ރޯގާގެ އަސަރު ފެންނާތީ އެ ފަސް މީހުން އާމީ ބޭސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އިންޑިއާގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރަން އެ މީހުންގެ ސާމްޕަލްތައް ފޮނުވާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް