ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ: ޗައިނާ

ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،665އަށް އަރާފަ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ފެބްރުއަރީ 16): ކޮރޯނާވައިރަސް ޑިޒީސް،2019 (ކޯވިޑް-19) އަލަށް ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާއިން ބުނި ގޮތުގައި މިއަދަކީ އަލަށް ވައިރަސް ޖެހުނު މީހުންގެ އަދަދު މަދުވި ތިން ވަނަ ދުވަހެވެ. އެގޮތުން މިއަދު އެގައުމުން ވަނީ އާ 2،009 މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށާއި އޭގެ ސަބަބުން 142 މީހަކު މަރުވި ކަމަށް ބުނެފަ އެވެ. އެއާ އަޅާބަލާއިރު އިއްޔެ އެގައުމުން ވަނީ ވައިރަހަށް 2،641 މީހަކު ޕޮޒިޓިވްވި ކަމަށާއި އޭގެ ސަބަބުން 143 މީހަކު މަރުވި ކަމަށް ބުނެފަ އެވެ.

ކޯވިޑް-19 މިހާރު ދުނިޔޭގެ 27 ގައުމަކުން ފެނިފައިވާ އިރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 68،500އަށް ވުރެ އިތުރުވެފަ އެވެ. އަދި އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،665އަށް އަރާފަ އެވެ. އެ ވައިރަހުގެ ސަބަބުން ޗައިނާއިން ބޭރުގައި މަރުވެފައި ވަނީ ހޮންކޮންގާއި ޖަޕާނާއި ފްރާންސާއި ފިލިޕީންސްގައި ހަތަރު މީހެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ވައިރަސް ޖެހޭ މީހުންގެ އަދަދު މަދުވުމަކީ ވައިރަސް ހަލުވި ކަމާއެކު ފެތުރުން ކޮންޓްރޯލު ކުރެވިދާނެ ކަމުގެ ހެއްކެއް ކަމަށް ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ކޯވިޑް-19 ފެތުރެން ފެށިފަހުން އެގައުމުން ވަނީ ވައިރަސް ކޮންޓްރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ވައިރަސް ފުރަތަމަ ފެނުނު ވޫހާން އާއި ހޫބެއި ޕްރޮވިންސުގެ ގިނަ ސިޓީތައް ބަންދުކޮށް ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައިވެ އެވެ.

މީގެ އިތުރުން ވެރިރަށް ބެއިޖިން އިން ވަނީ އެސިޓީން ބޭރުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ދާ އެންމެން 14 ދުވަސް ވަންދެން ކަރަންޓީނު ކުރުމަށް އަންގާފަ އެވެ. އެގޮތުން އެ 14 ދުވަހު އަމިއްލަ ގޭގައި ތިބުމަށް ނުވަތަ ކަރަންޓީނު ކުރަން ހާއްސަކޮށްފައިވާ ތަނަކަށް ދިޔުމަށް އެދިފަ އެވެ. އަދި އެގަވާއިދާ ހިލާފުވާ މީހުންނަށް އަދަބު ދޭނެ ކަމަށްވެސް އަންގާފަ އެވެ.

comment ކޮމެންޓް