ކައުންސިލް މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ހުދުމުހުތާރު ވެރިކަމެއް އަންނާނެ: ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ، ހުދުމުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މަޖިލީސް އިންތިހާބަށް ވުރެ ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުގައި ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވި ވިދާޅުވުމަށް ރައްދެ ދެއްވައި ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވީ ދައުލަތުގެ ތިން ބާރު މަސްހުނި ކުރާ މަންޒަރު މިހާރު ވެސް ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.

"ގިނަ ވައުދުތައް ނުފުއްދި، މިނިމަމް ވޭޖު ކަނޑަނޭޅި، ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް، ބައެއް މާއްދާތައް ހުއްޓާލައި، ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެނޭ. އެލްސީ [ލޯކަލް ކައުންސިލް] ސަރުކާރަށް ދީފި ނަމަ، ހުދުމުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާނެކަން ދަންނާނެ." ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށް ވުރެ ބޮޑު ކާމިޔާބެއް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޕޯސްޓަރު ހަރުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގަ އެވެ.

https://sun.mv/131527

ކައުންސިލް އިންތިހާބު ބާއްވާނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ. އެ އިންތިހާބުގައި 982 ކައުންސިލަރުން އިންތިހާބު ކުރާއިރު މި އިންތިހާބުގައި 6،000 ކެނޑިޑޭޓުން ބައިވެރިވާނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް