ހުޅުމާލޭގައި ބިދޭސީންނަށް ހަމަލާދިން މައްސަލައިގައި ހަތް ވަނަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ މަގެއް: ހުޅުމާލޭގައި ތިން މީހަކަށް ވަޅިން ހަމަލާ ދިން މައްސަލައިގައި އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިސްޓެއް ވެސް ހިމެނޭ ގޮތުން، ހުޅުމާލޭގައި ތިން ބިދޭސީއަކަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ހަތް ވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

މިމަހު ހަތަރު ވަނަ ދުވަހުގެރޭ، ހައްދު ފަހަނައެޅި ގުރޫޕެއް ކަމަށް ތުހުމަތުވާ ބަޔަކު، ވަޅިން ހަމަލާދީ ޒަހަމްކޮށްލީ ޗައިނާގެ ދެ ފިރިހެނަކާއި ރާއްޖެ އައިސް އުޅުނު އޮސްޓްރޭލިއާގެ ފަތުރުވެރިއެކެވެ.

ފުުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން އަނެއްކާ ވެސް، އިއްޔެ 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހައްޔަރާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެެ އެވެ. އެ މައްސަލައިގައި ހަ މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ.

https://sun.mv/131078

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ތިން މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައި މޫނު ފޮރުވައިގެން ތިބި ބައެކެވެ. މި ހަމަލާ ހިނގި ކަމަށް ތުހުމަތު ކުރެވެނީ ހަރުކަށު ފިކުރުގެ ބަޔަކަށެވެ.

އެ މާރާމާރީ ހިންގިތާ އެއްދުވަސްފަހުން އެ ހަމަލާގެ ޒިންމާ ނަގައި، ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު ވީޑިއޯއެއްވެސް އާންމުކުރި އެވެ. އެ ވީޑިއޯގައި އެފަދަ އިތުރު ހަމަލާތަކެއް ހިންގާނެ ކަމުގެ އިންޒާރުވެސް ދިނެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، އެ ވީޑިއޯގެ ސައްހަކަން ކަށަވަރުކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ތަފްސީލެއް ފުލުހުން ފަހުން އާންމެއް ނުކުރެ އެވެ.

ތިން ބިދޭސީންނަށް ހަމަލާ ދިން ފަރާތްތަކާއި ހަމަލާ ރޭވި ފަރާތްތަކުގެ އިތުރުން އެކަމަށް އެކިގޮތް ގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީ ފައެވެ.

އެ ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، ރާއްޖެ އަންނަ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

comment ކޮމެންޓް