ބަންދުގައި ތިބޭ މީހުންނަށް އެއްފަހަރާ ތިން ވަކީލުންނާ ބައްދަލުކުރެވޭ ގޮތަށް ހަދައިފި

ޤައިދީންތަކެއް: ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާރު ވަނީ އިތުރުކޮށްފައި --- ފޮޓޯ/ ކަރެކްޝަނަލް ސާވިސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް އެއްފަހަރާ ތިން ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ކަރެކްޝަންސްގެ "ގާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖެއްސުމާ ގުޅޭ އުސޫލު" ކުރިން އޮންނަ ގޮތުން އެއްފަހަރާ ބައްދަލު ކުރެވޭނީވެސް އަދި ކޮންމެ ގައިދީއަކަށް ރަޖިސްްޓްރީ ކުރެވޭނީވެސް ދެ ގަނޫނީ ވަކީލުންނެވެ.

ނަމަވެސް މިއަދު ކަރެކްޝަސްންސް އިން އިސްލާހު ކުރި އެ އުސޫލުގެ ދަށުން ކޮންމެ ގައިދީއަކަށް ވެސް ފަސް ގާނޫނީ ވަކީލުން ރަޖިސްޓްރީ ކުރެވި އެއްފަހަރާ ތިން ވަކީލުންނާ ބައްދަލު ކުރެވޭނެއެވެ.

އެ އިސްކާހުތަކުގެ ދަށުން، ތިން ވަކީލުންނާ އެއްފަހަރާ ބައްދަލު ކުރުމަށް ހުއްދަ ދިން ނަމަވެސް، ޑިރެކްޓާ އޮފް ޕްރިޒަންސް ބޭނުންވެއްޖެ ހާއްސަ ހާލަތެއްގައި އެ ބައްދަލުވުމުގައި ތަރުޖަމާނަކު ބައިވެރި ކުރެވިދާނެ އެވެ. އެގޮތުން މުއާމަލާތް ކުރުމަށްޓަކައި އާއި އިވުމުގެ ނުވަތަ ވާހަކަ ދެއްކުުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ތަރުޖަމާނަކު ބޭނުން ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެެއެވެ. ކުރިން އޮތް އިސްލާހުގައި އެކަން ބަޔާންކޮށްފައި ނުވެއެވެ.

ދެން އެ އިސްލާހަށް ބޮޑު ބަދަލެއް ގެނެސްފައި ވަނީ ބައްދަލު ކުރަން އަންނަ ވަކީލުން ބަލާ ފާސް ކުރުމުގެ ގޮތްތަކަށެވެ. އެގޮތުން ކުރިން އުސޫލު އޮންނަ ގޮތުން ފާސް ކުރުމުގައި މާ ބޮޑު ތަފްސީލެއް ބަޔާންކޮށްފައި ނުވެއެވެ.

މިހާރު އިސްލާހު އޮތް ގޮތުން ވަކީލުން ފުރަތަމަ ބަލާ ފާސް ކުރަން ޖެހޭނީ، ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމަށްޓަކައި މެޓަލް ޑިޓެކްޓަރު ނުވަތަ ވޯކްތްރޫ ގޭޓް ނުވަތަ އެކްސްރޭ މެޝިން ފަދަ އާލާތްތައް ބޭނުންކޮށްގެން ކަމަށެވެ. އެގޮތަށް ބަލާ ފާސްކުރުމަށްފަހު ޝައްކު ކުރެވޭ ނަމަ، ޖަލު ސަރައްހަދަށް އެމީހަކު ވެއްދުުގެ ކުރިން ޕެޓްޑައުން ސާޗް [ގައިގައި އަތް ލައިގެން ބަލާ ފާސްކުރުން] ކުރަން ވާނެ ކަމަށް އުސޫލުގައި ބުނެއެވެ. އަދި އެގޮތަށް ބަލާ ފާސްކުރުމަށްފަހު، ޖަލަށް ވެއްދުން މަނާ އެއްޗެއް އެ މީހެއްގެ އަތުގައި އޮތް ކަމަށް އެކަށީގެންވާ މިންވަރަށް ގަބޫލު ކުރެވޭނަމަ، ބައްދަލުވުން ކެންސަލު ކުރުމުގެ ބާރު ޑިރެކްޓަރު އޮފް ޕްރިޒަންއަށް ލިބިގެންވެއެވެ. އަދި އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ވާނެ ކަމަށް އުސޫލުގައި ބުނެއެވެ.

ބަލާ ފާސް ކުރެވޭ ފަރާތަކީ، އަންހެނަކު ނަމަ އެ ފަރާރެއްގެ ހަށިގަނޑު ބަލާ ފާސްކުރާނީ އަންހެން އޮފިސަރެއް ކަމަށާއި ފިރިހެނަކު ނަމަ ފިރިހެން އޮފިސަރެއް ކަމަށް އާ އުސޫލުގައި ބުނެއެވެ.

ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ކަރެކްޝަންސް އިން އިތުރު ކުރި މިދިޔަ ހަފްތާފައި ކަރެކްޝަންސް އިން ވަނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އާއިލާގެ ފަރާތުން ފޮނުވަން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލާފައި އޮތް އޮތުން ނިމުމަމަށް ގެނެސް، އަންނައުނު ފޮނުވޭ ގޮތަށްވެސް ހަމަޖައްސާފައެވެ.

comment ކޮމެންޓް