ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ތިބީ ވަރުބަލިވެފައި: ސެކުލޮސްކީ

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި އިއްޔެ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި މާޒިޔާ ބައްދަލު ކުރި މެޗުގައި މި ސީޒަނުގެ ތެރޭ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން އިންތިހާއަށް ވަރުބަލިކަން ފެނިފައިވާ ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ސެކުލޮސްކީ ބުނީ ދެކުނު އޭޝިޔާގައި ރާއްޖެ ފިޔަވާ އެހެން ހުރިހާ ގައުމެއްގައި ވެސް ލީގު ފަށަނީ ޖަނަވަރީ ނުވަތަ ފެބްރުއަރީ މަހު ކަމަށެވެ. އެހެން ކަމުން އޭއެފްސީ ފަދަ މުބާރާތްތަކަށް ޓީމުތައް ނުކުންނާނީ "ފްރެޝް ސްކޮޑެއް" އޮވެގެން ކަމަށެވެ. އަދި އެ ތަފާތު އިއްޔެގެ މެޗުގައި ވެސް ފެނުނު ކަމަށް ސެކުލޮސްކީ ބުންޏެވެ.

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އިއްބެ [އިބްރާހިމް މަހުދީ]، ހަމްޕު [ހަމްޒާ މުހައްމަދު] ފަދަ ބައެއް ކުޅުންތެރިން މި ސީޒަނުގައި މިހާތަނަށް ވަނީ 40 އަށް ވުރެން ގިނަ މެޗު ކުޅެފަ. އިއްޔެގެ މެޗާ އެކު މާޒިޔާ ވަނީ މި ސީޒަނުގައި 22 އޮފިޝަލް މެޗާއި 14 ފްރޭންޑްލީ މެޗު ކުޅެފައި. އޭގެ އިތުރުން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށް އަދި މެޗުތައް އިތުރުވާނެ،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާއިން ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ މެޗުގައި ދެ ގޯލު ޖެހި އިރު ދެ ގޯލު ވަނީ ބައިކޮޅަށް ވަދެފަ އެވެ. އެހެން ކަމުން އިއްޔެގެ މެޗަށް ނުކުން އިރު އެ ޓީމަށް އޮތީ މެޗު 0-0 ނުވަތަ 1-1 އިން އެއްވަރުކޮށްލައިގެން ވެސް ޕްލޭ އޮފަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެކަމަކު ކުރީ މެޗުގައި އަނިޔާވުމުގެ ސަބަބުން މާޒިޔާއަށް މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެދިން ހަސަން ނާއިޒް (ދާދު) އިއްޔެގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.

ޕްލޭއޮފުގައި މާޒިޔާ ވާދަކުރާނީ، ޕްރިލިމިނަރީގެ އަނެއް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޕާރޯ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ގްރޫޕުގައި އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސް އެވެ.

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސެކުލޮސްކީ ބުނީ ބެންގަލޫރު މެޗަށް ކުރިމަތިލާއިރު ޓީމު ތެރޭގައި އިންޖަރީގެ ބިރު ބޮޑު ކަމަށެވެ. އެކަމަކު އެ މެޗާއި ކުރިމަތިލާނީ އިތުބާރާ އެކު ކަމަށް ސެކުލޮސްކީ ބުންޏެވެ.

comment ކޮމެންޓް