ޓުއަރިޒަމް މިނިސްޓްރީން އައިކޮމް އަށް: ބިރުދެއްކުން ބަލައެއް ނުގަންނަން!

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކާ ބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއިން މޯލްޑިވްސް ޓްރޭޑް ޔުނިއަންއަށް ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޓްރޭޑް ޔޫނިއަން އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގައި އެދުނީ ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން އެމްއެމްޕީއާރްސީއަށް އެއްވެސް ފަޅު ރަށެއް ކުއްޔަށް ދޫކޮށްފައިވޭތޯ އާއި، ދީފައިވާނަމަ އެ ރަށެއްގެ ލީސް އެގްރީމަންޓްގެ ކޮޕީއެއް ހޯދުމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ކޮންމެ ރައްޔިތަކަށްވެސް ދައުލަތުގެ އިދާރާތަކުގައި ހުންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިގެންވެއެވެ. ދައުލަތުގެ އިދާރާއެއްގައި ހުރި މައުލޫމާތެއް ހޯދަން އެދި އެ އިދާރާއެއްގެ އިންފޮމޭޝަން އޮފިސަރަށް ފޯމެއް ހުށަހެޅިދާނެ އެވެ. ޓްރޭޑް ޔުނިއަންއިން ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ހޯދަން އެދުނީ އެ ގާނޫނުގެ ދަށުންނެވެ.

ނަމަވެސް ޓުއަރިޒަމް މިނިސްޓްރީ އެ މައުލޫމާތު ނުދިން ކަމަށް ބުނެ، ޓްރޭޑް ޔޫނިއަން އިން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހަޅައިފައެވެ.

މި މައްސަލައާ ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އަދި މި މައްސަލައިގައި އަސްލު ކަން ހިނގާފައިވާ ގޮތް ހާމަކުރުމަށް، މައްސަލައާ ގުޅިގެން ބަދަލުކުރެވުނު އެންމެހާ ލިޔެކިޔުންތައް ޓުއަރިޒަމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އެ މައްސަލައިގައި، މޯލްޑިވްސް ޓްރޭޑް ޔޫނިއަން އަށް ޖަވާބު ދީފައިވާނެ ކަމަށާއި އަދި އެ ފަރާތަށް ޖަވާބުދީފައިކަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް އަންގާފައި ވާނެ ކަމަށެވެ.

ޓްރޭޑް ޔޫނިއަން އިން ހުށަހެޅި މައުލޫމާތު ހޯދަން އެދޭ ފޯމުގެ ޖަވާބުގައި، ޖުލައި މަހުގެ 15 ވަނަ ދުވަހު މިނިސްޓްރީން ޓްރޭޑް ޔޫނިއަން އަށް ސިޓީއެއް ފޮނުވާފައިވާކަން މިނިސްޓްރީން ހާމަކުރި ލިޔެކިޔުންތަކުން އެނގެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކާ ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރުވެސް ތަހުގީގެއް ކުރިއަށް ގެންދާތީ އެއީ ދޫކުރެވެން ނެތް މައުލޫމާތެއް ކަމަށް ބުނެފައިވެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނީ ގޮތުން ހިންގާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް، ނުވަތަ ހިނގަމުންދާ ޝަރީއަތެއްގެ މައްޗަށް ބިނާކޮށް ގާނޫނީ އިމްތިޔާޒް ލިބިގެންވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހްތިޔާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވެއެވެ.

މި މައްސަލައިގައި ޓުއަރިޒަމް މިނިސްޓްރީން ބޭނުންކޮށްފައިވަނީ އެ އިހްތިޔާރެވެ.

އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުގައި މިއަދު 10:30އަށް އަޑުއެހުމެއް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީއިން ހާޒިރުވެފައެއް ނުވެ އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޣައިރު ހާޒިރުގައި އިންފޮމޭޝަން ކޮމިޝަނުން މިއަދު ނިންމީ އެ ލިޔެކިޔުންތައް ޓްރޭޑް ޔުނިއަނަށް ދޭން ޖެހޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއިން އަޑުއެހުމަށް ހާޒިރު ނުވުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއިން އަޑުއެހުމަށް ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަކީ "ކުޅޭ ކުޅޭ"އެއްޗެއް ނޫން ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ފިޔާޒްގެ ވާހަކަތަކާ ގުޅިގެން މިނިސްޓްރީން ބުނީ، އިންފޮމޭޝަން ކޮމިޝަނަރު ޓުވިޓާގައި ހާމަކުރެއްވި ވާހަކަތަކާމެދު ނުހަނު ކަންބޮޑުވާކަމަށެވެ. އަދި މިނިސްޓްރީގެ ޕޮލިސީ ލެވެލް ކަންކަމުގައި ޒިންމާވެ ޖަވާބުދާރީވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒަފުން ކަމުގައިވާތީ، މިނިސްޓްރީގެ ސިވިލް ސާވިސް އެއްވެސް މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް ބަލައިނުގަންނާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މިމިނިސްޓްރީގެ ސިވިލް ސާވިސް އެއްވެސް މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް، މި މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް ވެސް ދެންނެވީމެވެ." ބަޔާނުގައިވެއެވެ.

މިނިސްޓްރީން ބުނީ މި މައްސަލައިގައި ޓުއަރިޒަމް މިނިސްޓްރީން އިތުރަށް ސާފުކުރަން ބޭނުން މައުލޫމާތެއް ވާނަމަ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގައި ނުވަތަ ޝަރުއީ ކޯޓެއްގައި ޖަވާބުދާރީވާން ތައްޔާރަށް އޮތް ކަމަށެވެ.

އަދި މައުލޫމާތު ހޯދުމުގެ ހައްގާއި ރައްޔިތުންގެ ހައްގަކީ "ކުޅޭކުޅޭ" އެއްޗެއް ނޫންކަން އެ މިނިސްޓްރީން ފުރިހަމައަށް ގަބޫލުކުރާ ކަމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މައުލޫމާތު ހަރުދަނާ، ދެފުށް ފެންނަ އުސޫލަކުން ހާމަކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އެމްއެމްޕީއާރްސީއާ ގުޅޭގޮތުން ކަމާގުޅޭ އެންމެހާ އިދާރާތަކާއި މުއައްސަސާތަކުން ހިންގަމުންދާ ތަހުގީގަށް މިނިސްޓްރީން ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

comment ކޮމެންޓް