އަނިލް އަމްބާނީގެ މިލްކިއްޔާތު "ސުމަކަށް" ވެއްޓިއްޖެ ކަމަށް ބުނެފި

އަނިލް އަމްބާނީ ވަނީ އޭނާގެ މިލްކިއްޔާތު ސުމަކަށް ވެއްޓިފައިވާ ކަމަށް ބުނެފަ -- ފޮޓޯ: އެންޑީޓީވީ

ދިއްލީ (ފެބްރުއަރީ 11): ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން މީގެ ކުރިން ޖާގަ ހޯދި އަނިލް އަމްބާނީގެ މިލްކިއްޔާތު ސުމަކަށް ވެއްޓިއްޖެ ކަމަށް އޭނާ ބުނެފި އެވެ.

އަމްބާނީ އެފަދައިން ބުނީ، ޗައިނާގެ ތިން ބޭންކަކުން އޭނާ ނެގި ލޯނުތަކެއް ނުދެއްކުމުން އޭނާއާ ދެކޮޅަށް ލަންޑަނުގެ ކޯޓަކަށް ހުށަހަޅާފައިވާ 656 މިލިއަން ޑޮލަރުގެ މައްސަލައެއްގައި ހުށަހެޅި ލިޔެކިޔުންތަކެއްގަ އެވެ. އެ މައްސަލަ ހުށަހެޅި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)އިން ވަނީ ޝަރީއަތް ނިމެންދެން އަމްބާނީ ކޯޓާ 656 މިލިއަން ޑޮލަރު ހަވާލު ކުރުމަށް އަމުރު ކުރުމަށް ކޯޓުގައި އެދިފަ އެވެ.

އެހެންކަމުން ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެފަ އެވެ. ނަމަވެސް އަމްބާނީ ކޯޓާ ހަވާލު ކުރަން ޖެހޭނީ 100 މިލިއަން ޑޮލަރު ކަމަށް ބުނެފަ އެވެ.

އަމްބާނީގެ ވަކީލުން ވަނީ ކޯޓުގެ އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ވަކީލުން ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން އަމްބާނީގެ އިންވެސްޓުމެންޓުތަކުގެ އަގު މިހާރު ވަނީ ވެއްޓިފަ އެވެ. އަދި އޭނާގެ މިލްކިއްޔާތު މިހާރު ސުމަކަށް ވެއްޓިފައިވާ ކަމަށާއި، އޭނާ ފައިސާ ހޯދުމަށްޓަކައި ލިކުއިޑޭޓު ކުރެވޭނެ އެއްވެސް މުދަލެއް ނެތް ކަމަށް އެ ލިޔުންތަކުގައިވެ އެވެ.

އަމްބާނީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން ޗައިނާގެ ބޭންކުތަކުން ވަނީ 2012 ވަނަ އަހަރު އޭނާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ކުންފުންޏަށް 925 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އަދި ލޯނު ދައްކާނެ ކަމުގެ ގެރެންޓީ ދިނީ އަމްބާނީ އަމިއްލައަށެވެ.

ނަމަވެސް އަމްބާނީ ވަނީ ލޯނު ދައްކާނެ ކަމުގެ ގެރެންޓީ އޭނާ އަމިއްލައަށް ދީފައި ނުވާނެ ކަމަށް ބުނެފަ އެވެ.

އަނިލް އަމްބާނީ އަކީ މިހާރު އޭޝިއާގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ ކޮއްކޮ އެވެ. މުކޭޝްގެ މިލްކިއްޔާތު 56.5 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި 2012 ވަނަ އަހަރު އަނިލްގެ މިލްކިއްޔާތު ހަތް ބިލިއަނަށް އެރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ވަނީ ބަނގުރޫޓުވެފަ އެވެ.

އަނިލް އަމްބާނީގެ މިލްކިއްޔާތު ސުމަކަށް ވެއްޓިފައިވާ ކަމަށް އޭނާ ބުނި ނަމަވެސް އައިސީބީސީގެ ވަކީލުން ވަނީ އޭނާ އަދިވެސް ގިނަ ކާރާއި މަތިންބޯޓު ގެންގުޅޭ ކަމަށާއި އޭނާ ދިރިއުޅެނީ މުމްބާއީގެ އެންމެ މުއްސަނދި މީހުން ދިރިއުޅޭ ސަރަހައްދުގެ އެޕާޓްމެންޓެއްގައިކަން ފާހަގަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް