މާލޭ މީހުންނަށް ރަށްރަށުން ފްލެޓް ދޭން ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ---- ފޮޓޯ/މަޖިލިސް

ރަށްރަށުގައި އިމާރާތް ކުރާ ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދެވޭނެ އުސޫލެއް ހަމަޖެއްސުމުން މާލޭ ރައްޔިތުން ވެސް ރަށްރަށުގައި ވަޒަންވެރިވާނެ ކަމަށް ދެކޭ ކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމާ ގުޅޭ ގޮތުން، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ރިޔާސަތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ފުރުސަތު ދޭ ކަމަށެވެ. އެހެން ނަމަވެސް، ރަށްރަށުގައި އަޅާ ފްލެޓްތަކުން މާލޭގެ ރައްޔިތުންނަށް ފްލެޓް ދިނުމަށް ރަށްރަށަށް ނިސްބަތްވާ މެންބަރުން ރުހޭނެތޯ ނަޝީދު ސުވާލު އުފެއްދެވި އެވެ. އެކަމަށް ރުހޭ ނަމަ، މާލޭގެ ރައްޔިތުން ރަށްރަށަށް ގޮސް ވަޒަންވެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި 7،000 ފްލެޓް [ހިޔާގެ ފްލެޓްތައް] ދޫކޮށްފައި އޮތީ މިދެންނެވި އުސޫލުން. [ރަށްރަށުގެ މީހުންނަށް މާލޭ ސަރަހައްދުން ފްލެޓް ލިބޭ ގޮތަށް]. އަޅުގަނޑަށް ފެންނަ ފެނުމުގައި މާލޭގައި ބޯހިޔާވަހި ކަމަށް ދަތިވެފައިވާ ތިބި ފަރާތްތަކަށް އެހެން ރަށްރަށުން ފުރުސަތު ލިބޭ ނަމަ އެ މީހުން އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ދާއިރާގެ ރައްޔިތުންނާއި ކާބަފައިންގެ ޖޯޝް އިތުރުކުރުމަށް ރާއްޖޭގެ އެއް ރަށް އަނެއް ރަށް ކުޑައިމީސްވާ ގޮތަށް ސިޔާސީ މީހުން ވާހަކަ ދެއްކުމަކީ މުޅި ރާއްޖެއަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަމަނުޖެހުން ބޮޑުވުމަށް ފުރުސަތު ނުދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް އެބަ އޮތް ކަމަށާއި، އެ މައްސަލަ ޒުވާބަކަށް ނުގޮސް، އެކަން ހައްލުވާނެ ގޮތަކަށް ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވި މިންވަރަކަށް ކޮންފްލިކްޓް ހަމަނުޖެހުން އުފެދުން ގާތްވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "މި މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑުވެ، ދިރިއުޅެން ދަތިވަމުން ދިޔަވަރަކަށް ކޮންފްލިކްޓް ހަމަނުޖެހުން ފުންވަމުންދާނެ،"

comment ކޮމެންޓް