ފިންލެންޑުގައި ވިހެއުމުގެ ޗުއްޓީ ދެމަފިރިންނަށް އެއްވަރަކަށް ދެނީ

ފިންލެންޑުން ވަނީ އަލަށް ވިހާ ކުދިންގެ މަންމަ އާއި ބައްޕައަށްވެސް އެއްވަރަކަށް ޗުއްޓީ ދޭން ނިންމާފަ -- ފޮޓޯ: ގެޓީ

ހެލްސިންކީ (ފެބްރުއަރީ 10): ފިންލެންޑުގައި ވިހެއުމުން ދަރިފުޅުގެ މަންމަ އާއި ބައްޕައަށްވެސް އެއްވަރަކަށް ޗުއްޓީ ދޭން އެގައުމުން ނިންމައިފި އެވެ.

ފިންލެންޑުން އެކުލަވާލި ސިޔާސަތުގައި ނިންމާފައި ވަނީ އަލަށް ވިހާ ދަރިފުޅުގެ ބައްޕައަށް، މަންމައެކޭ އެއްގޮތަށް 164 ދުވަހުގެ ޗުއްޓީ ދިނުމަށެވެ. އަދި އޭގެ ތެރެއިން އެއް ބެލެނިވެރިއަކު އަނެކަކަށް އޭނާގެ ޗުއްޓީ ދުވަސްތައް ދޭން ބޭނުންވާ ނަމަ، އެގޮތަށް ގިނަވެގެން 69 ދުވަސް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން އެކަނިވެރި މަންމައަކަށް ނުވަތަ ބައްޕައަކަށްވެސް 328 ޗުއްޓީ ދުވަސް ދޭން އެ ސިޔާސަތުގައި ހިމަނާފައިވެ އެވެ. އެ ގަވާއިދުތަކަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރު ކަމަށް ފިންލެންޑުގެ ސަރުކާރުން ބުންޏެވެ.

މިހާރު އެގައުމުގައި އޮންނަ ގޮތުން އަލަށް ވިހާ މައިންނަށް ލިބެނީ ހަތަރު މަހުގެ ޗުއްޓީ އެވެ. އަދި ބައްޕައަކަށް ލިބެނީ ދެ މަހެވެ.

ފިންލެންޑުގެ ސަރުކާރުން ބުނި ގޮތުގައި އެ ސިޔާސަތަކީ ކުޑަކުދިންގެ ބޭނުންތަކަށާއި ޖިންސީ ހަމަހަމަކަމަށް އިސްކަން ދީގެން އެކުލަވާލާފައިވާ ސިޔާސަތެކެވެ.

comment ކޮމެންޓް