އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފި

އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނީ ހަމަލާއަކާ ގުޅިގެން އަލިފާން ރޯވެފައި

ޣައްޒާ ސިޓީ (10 ފެބްރުއަރީ 2020) : އިސްރާއީލުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފިއެވެ. އިސްރާއީލުން ހިސާރުކުރުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާއަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުންނާއި ބޮޑުބަޑިން އުދުވާނީ ހަމަލާތައް ދިންތަންތަނުގެ ތެރޭގައި ޣައްޒާގެ ހުޅަނގާއި ދެކުނުގެ ސަރަހައްދުތައް ހިމެނޭއިރު އެ ހަމަލާތައް އެރި އިމާރާތްތަކުގެ ތެރޭގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓް ޓަވަރެއް ވެސް ހިމެނޭކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ބުނެއެވެ.

އިސްރާއީލުގެ އުދުވާނުގެ ސަބަބުން މާއްދީ ގެއްލުންތަކެއް ލިބުނުނަމަވެސް މީހަކު މަރުވިކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ޣައްޒާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނެއެވެ.

ގާތްގަނޑަކަށް ދެ މިލިޔަން މީހުން ގެ އާބާދީ އެއް އޮންނަ ޣައްޒާއަކީ 1967 ގައި އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމެކެވެ. 2005 ވަނަ އަހަރުން ފެށިގެން އިސްރާއީލުވަނީ ޣައްޒާ ހިސާރުކޮށް ޣައްޒާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދަތުރު ފަތުރުކުރުމުގެ ދޮރުތައް ބަންދުވެ ދުނިޔެއާ ގުޅުންތައް ކެނޑިފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންޕޯޓް އެކްސްޕޯޓް ވިޔަފާރީގެ ހަރަކާތްތަކަށްވެސްވަނީ އިސްރާއީލުގެ ޙިސާރުގެ ސަބަބުން ހުރަސްއެޅިފައެވެ. އަދި ބަލިމީހުން ފަރުވާއަށްޓަކައި ބޭރަށް ގެންދިޔުމަށްވެސް ވަނީ ހުރަސްއެޅިފައެވެ.

އިސްރާއީލުން ދޭތެރެއަކުން ޣައްޒާއަށް އުދުވާނީ ހަމަލާތައްދީ އާންމުންނާއި ފަލަސްތީނުގެ މުޖާހިދުން ޝަހީދު ކުރުމުގެ ޖަރީމާތައް ހިންގަމުން ގެންދާއިރު އިސްރާއީލުވަނީ 2008 ވަނައަހަރަށްފަހު ތިންފަހަރެއްގެ މަތިން ޣައްޒާއާ ދެކޮޅަށް ހަނގުރާމަކޮށް އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ. ނަމަވެސް އިސްރާއީލު ހިންގާ ހަނގުރާމައިގެ އެއްވެސް ޖަރީމާއަކާ ގުޅިގެން އިސްރާއީލުގެ ހަރުކަށިވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރެވިފައެއް ނުވެއެވެ.

އިސްރާއީލުން ޣައްޒާއަށް އުދުވާނީ ހަމަލާތައް ދީފައިމިވަނީ އިސްރާއީލުގެ އަނިޔާވެރިކަން ކުޑަކުރުމާބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި މިސްރު ސަރުކާރުގެ ވަފްދެއް އިސްރާއީލަށް ޒިޔާރަތް ކުރުމަށްފަހު އެ ވަފްދުގެ ބޭފުޅުން ސަރަހައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް ވަޑައިގެންފައިވަނިކޮށެވެ. މިސްރުގެ ވަފްދުގެ ވެރިއަކަށް ހުންނެވީ މިސްރުގެ ޖާސޫސީ އިދާރާގެ ފަލަސްތީނާބެހޭ ބައިގެ ވެރިޔާ އަހްމަދު އަބްދުލްޚާލިގް އެވެ.

އިސްރާއީލުން ޣައްޒާއަށް އުދުވާނީ ހަމަލާތައް ދީފައި މިވަނީ ފަލަސްތީނުގެ ބިމާއި ހައްގުތައް ގެއްލޭގޮތަށް އެމެރިކާއިން އިއްލާންކުރި ސުލްޙައިގެ މަޝްރޫއު ކަމަށްވާ ޑީލް އޮފް ދަ ސެންޗަރީ އާ ދެކޮޅަށް ފަލަސްތީނުގެ އެހެން ސަރަހައްދެއްކަމަށްވާ ހުޅަނގު އައްސޭރިގެ ރައްޔިތުން އިޙްތިޖާޖް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެ މަޝްރޫޢާ ދެކޮޅަށް ފަލަސްތީނުގެ އާންމުން ހުޅަނގުއައްސޭރީގައި ކުރަމުންގެންދާ މުޒާހަރާތަކަށް ބަޑިން ޙަމަލާދީ އިސްރާއީލުންވަނީ ފަލަސްތީނުގެ ތިން މީހުން ފާއިތުވި ހަފްތާ ތެރޭގައި ޝަހީދުކޮށްލާފައެވެ.

އެމެރިކާއިން އިއްލާންކުރި މެދުއިރުމަތީގެ ސުލްޙައިގެ މަޝްރޫއު ބިނާކޮށްފައިވަނީ ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެނބުރި ވަޒަނަށް އައުމުގެ ހައްގުތަކަށް އިންކާރު ކުރުމުގެ އިތުރުން 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިމުގެ 30 އިންސައްތަ އިސްރާއީލަށް ދިނުމުގެ މައްޗަށެވެ. މީގެއިތުރުން ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދުންވެސް އެމެރިކާގެ ސުލްހައިގެ މަޝްރޫއުގައި ހިމަނާފައެއް ނުވެއެވެ. ފަލަސްތީނުންވަނީ އެމަޝްރޫއަށް ދެކޮޅު ހަދައި ފަލަސްތީނުގެ ހައްގުތައް ހޯދުމަށާއި ބިންތައް މިނިވަންކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުން ނޫން ހައްލެއް ފެންނަން ނެތްކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް