ތޮއްޔިބު ޝަހީމަށް ޓޫރިޒަމްގެ ސިޔާސީ މަގާމެއް

ތޮއްޔިބު ޝަހީމް ---

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމަށް ސަރުކާރުން ސިޔާސީ މަގާމެއް ދީފި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނާ އޮފް ކޮންޝަންސްކަންވެސް ލިބިފައިވާ ތޮއްޔިބު މިއަދު "ސަން"އަށް ވިދާޅުވި ގޮތުގައި އޭނާއަށް ލިބުނީ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމެވެ.

މީގެ ކުރިން ޓީވީއެމްގައި މަސައްކަތްކުރެއްވި ތޮއްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ފަރާތެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު އޭރުގެ ސަރުކާރުތަކުގެ އިދާރާތަކުން "ލީކުވާ މައުލޫމާތު"ތައް ޓްވިޓާގައި ހާމަކުރުމުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަރާތެކެވެ.

ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ތޮއްޔިބު ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ މާޗް މަހު ހައްޔަރުކުރި އެވެ. ނަމަވެސް އެ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހައިކޯޓުން އަމުރުކޮށްގެން އޭނާ ދޫކޮށްލުމުން އޭނާ ވަނީ ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

އަމިއްލައަށް އަރުވާލެވިގެން ސްރީލަންކާގައި ދެ އަހަރު ދުވަހު އުޅުމަށްފަހު އޭނާ އަލުން ރާއްޖެ އައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ތޮއްޔިބު ޝަހީމް ވަނީ އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ސޯޝަލް މީޑިއާ ހިންގުމާ ވެސް ހަވާލުވެފަ އެވެ.

comment ކޮމެންޓް