ސްޓެލްކޯ މުވައްޒަފުންނަށް އިންސްޓޯލްމެންޓަށް ސޯލާ ޕެނަލް

ސޯލާ ޕެނަލް އިންސްޓޯލްމެންޓަށް ދޫކުރުމުގެ ޕްރޮގްރާމް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޖަސަން މުޣުނީ އިފްތިތާހުކުރައްވަނީ --- ސަން ފޮޓޯ

ސްޓެލްކޯ އިން އެކުންފުނީގެ މުވައްޒަފުންނަށް އިންސްޓޯލްމެންޓަށް ސޯލާ ޕެނަލް ގަނެވޭނެ ހާއްސަ ހިދުމަތެއް އެކުންފުނިން މިއަދު ތައާރަފުކޮށްފި އެވެ.

ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވް ޕްރޮގްރާމްގެ ދަށުން އިންސްޓޯލްމެންޓް ސުކީމަށް ސޯލާ ޕެނަލް ގަނެވޭ ހިދުމަތް މިއަދު ރަސްމީކޮށް ލޯންޗުކޮށްދީފައި ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

އެ ރަސްމިއްޔާތުގައި އިންސްޓޯލްމެންޓް ސްކީމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ސީނިއާ މެނޭޖަރު އަހުމަދު އިބްރާހީމް ވިދާޅުވީ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓުގެ ހަރަދު ކުޑަކުރުމަށް މިއަދު ތައާރަފުކުރި އިންސްޓޯލްމެންޓް ސުކީމަށް އާންމުންނަށް ވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއަދު ސްޓެލްކޯގެ މުވައްޒަފުންނަށް އެ ސުކީމު ތައާރަފުކޮށްފައިވާ އިރު ތިން ޕެކޭޖެއްގެ ދަށުން ސޯލާ ޕެނަލް އިންސްޓޯލްމެންޓަށް ދޫކުރާނެ ކަމަށް އަހުމަދު އިބްރާހީމް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ ވެސް ޑައުންޕޭމެންޓްގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ފުރަތަމަ ޕެކޭޖަކީ ތިން އަހަރުގެ މުއްދަތަށް ބަހާލައިގެން ސޯލާ ޕެނަލަށް ފައިސާ ދައްކާ ޕެކޭޖެވެ. އެ ޕެކޭޖުގައި ކޮންމެ މަހަކު ދައްކަން ޖެހޭނީ 881 ރުފިޔާ އެވެ. ދެވަނަ ޕެކޭޖަކީ ފަސް އަހަރުގެ ޕެކޭޖެވެ. އެ ޕެކޭޖުގައި ކޮންމެ މަހަކު ދައްކާނީ 604 ރުފިޔާ އެވެ. އަދި ހަތް އަހަރުގެ ޕެކޭޖަށް ދައްކާނީ މަހަކު 487 ރުފިޔާ އެވެ.

ސޯލާ ޕެނަލްގެ ފުރިހަމަ އަގަކީ 25،000 ރުފިޔާ އެވެ. އަދި އެ ފައިސާ އެއްފަހަރާ ދައްކާލެވޭނެ ކަމަށް ވެސް އަހުމަދު އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސްޓޯލްމެންޓް ސްކީމުގެ ދަށުން ދޫކުރަނީ 1.2 ކިލޯވޯޓުގެ ސޯލާ ޕެނަލް އެވެ. އަދި އެ ޕެނަލް ހަރުކުރަން 100 އަކަފޫޓުގެ ފުރާޅެއް ބޭނުންވާނެ ކަމަށް އަހުމަދު އިބްރާހީމް ވިދާޅުވި އެވެ.

"ސޯލާ ޕެނަލް ހަރުކުރަން ބޭނުން ނަމަ ފުރާޅު ބޭނުންކުރުމުގެ ހުއްދަ ދިނީމަ ދެން ނިމުނީ. އެހެން ހުރިހާ ކަމެއް ސްޓެލްކޯ އިން ހަމަޖައްސާނެ،" އޭނަ ވިދާޅުވި އެވެ.

ސޯލާ ޕެނަލްގެ ހިދުމަތް މިވަގުތަށް ތައާރަފުކޮށްފައި ވަނީ ގްރޭޓާ މާލޭ ސަރަހައްދަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތަކަށް ވެސް ހިދުމަތް ފުޅާކުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްކުރަމުންނެވެ.

މި މަހުގެ ތެރޭގައި އާންމުންނަށް ވެސް އެ ހިދުމަތް ތައާރަފުކުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް