އެމްއައިބީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ޑިރެކްޓަރެއް ހޯދަނީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ އިލެކްޓަޑް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއައިބީން ބުނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ ބޯޑު ޑިރެކްޓަރަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އިއުލާނު ކުރާނެ އެވެ.

ބޯޑު ޑިރެކްޓަރަކު އައްޔަން ކުރާނީ މިއަހަރު ބާއްވާ އެމްއައިބީގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އެމްއައިބީގެ ބޯޑަށް އަލަށް އައްޔަންކުރާ ޑިރެކްޓަރުގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

މި މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ އެމްއައިބީގެ ބޯޑު ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ އިތުރުން ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާއާއި އެމްއެމްއޭގެ އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ ކަމާ ގުޅުންހުރި ޝަރުތުތައް ފުރިހަމަ ވާ ފަރާތްތަކަށް ވާން ޖެހޭނެ އެވެ.

އެމްއައިބީން ކަނޑައަޅާފައިވާ ޝަރުތުތައް އެ ބޭންކުގެ ވެބްސައިޓުގައި ޑިރެކްޓަރަކު ހޯދަން ކޮށްފައިވާ އިއުލާނުގައި ވަނީ ބަޔާންކޮށްފަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާގެ ބާޒާރުގައި އެ ބޭންކުގެ ހިއްސާ ގަނެވިއްކަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގަ އެވެ.

ހިއްސާ ވިއްކުމަށް އެ ބޭންކުން ހުޅުވާލި އައިޕީއޯގައި 35 ރުފިޔާގެ ރޭޓުން އެކުންފުނީގެ 31 އިންސައްތައިގެ ހިއްސާ ވަނީ ވިއްކައިފަ އެވެ.

އައިޕީއޯގައި ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާފައިވާ އިރު، ކޮންމެ ފަރާތަކުން ވެސް މަދުވެގެން ގަންނަން ޖެހޭނެ ކަމަށް ކަނޑައެޅީ 20 ހިއްސާ އެވެ.

އެމްއައިބީން ހިއްސާާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ހިއްސާ ގަތުމަށް އެދި ހުށަހެޅި މީހުންގެ އަދަދު ގިނަވެ، ބައެއް މީހުންނަށް އެ ބޭންކުން ވަނީ ރިފަންޑު ވެސް ދީފަ އެވެ.

comment ކޮމެންޓް