ކުޑަކުދިންނާއި އަންހެނުންގެ މައްސަލަތަކުގައި ޝިދާތާ އެޅުއްވީ ކާމިޔާބު ފިޔަވަޅުތަކެއް: އަދާލާތު ޕާޓީ

ޝިދާތާ އަލާތު ޕާޓީ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ/ އަދާލަތު ޕާޓީ

ކުޑަކުދިން، އަންހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރުކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފު އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް އޭނާ ނިސްބަތްވާ އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު ކަން ކުރައްވަމުން ގެންދަވާ ޝިދާތާ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު (ޕީޖީ)އިން ވަނީ އޭނާ އެ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމާފަ އެވެ.

ޝިދާތާގެ ދިފާއުގައި މިއަދު އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނީ، އޭނާ މަގާމުން އިސްތިއުފާ ދެއްވުން އެ ޕާޓީން ބަލައިގަންނަނީ، ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޝިދާތާ ގެންގުޅުއްވި އިހްލާސްތެރިކަމާއި ހަރުދާނާކަން އެ ޕާޓީން ނިހާޔަތަށް ބަލައިގަންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އަންހެނުންނާއި ކުޑަކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުންގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ ބުރ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ، ވަރަށް ކާމިޔާބު ފިޔަވަޅުތަކެކެވެ،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ބަޔާނުގައު ބުނެފައިވެ އެވެ.

ޝިދާތާ އަކީ، 2010 ވަނަ އަހަރުން ފެށިގެން އެ ޕާޓީއާއެކު ރައްޔިތުންނަށް އެތަށް ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނީ، އެކަމަނާ ވަނީ އެކި އެކި ފޯރަމްތަކުގައި އާއި މަގުމަތީގައި އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކުގައި ހިތްވަރާއެކު ބައިވެރިވެފައި ކަމަށެވެ. އަދި އެއީ އެ ޕާޓީން އަބަދުވެސް ހަނދާންކޮށް ފާހަގަ ކުރާނެ ހިދުމަތްތަކެއްކަން ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ޝިދާތާ ޝަރީފަކީ، ވަޒީރުކަން އަދާކުރެއްވުމުގެ ކުރިންނާއި ވަޒީރު ކަމުގައިވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެ ކަންކަމަކީ މި ޕާޓީގެ އެންމެހާ މެމްބަރުންނާއި އާންމު ރައްޔިތުންވެސް އިންތިހާއަށް ޝުކުރުވެރިވާ ކަމެކެވެ." ބަޔާނުުގައި ބުނެފައިިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީއެކު މަސައްކަތް ކުރުމަށް ދެމިހުންނަވާނެ ކަމަށް ޝިދާތާ ނިންމަވާފައިވާތީ އެއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެކަމުގައި ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ޝިދާތާ އަށް މާތްﷲ ހެޔޮ ތައުފީގު މިންވަރި ކުރައްވާ، އަދި އެކަމަނާގެ ހަޔާތުގައި އިތުރު ކަމިޔާބުތައް މިންވަރުކުރައްވާށި. އަމީން،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޝިދާތާވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަޔާނެއް ނެރުއްވާފަ އެވެ.

ބަޔާނުގައި ޝިދާތާ ވިދާޅުވީ، އިސްތިއުފާ ދެއްވީ މިހާރު ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އިހުމާލެއް އޮތުމުން ނޫން ކަމަށެވެ. ނަމަވެސް، އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތަށް އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ގަބޫލުކުރައްވާތީ އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ޕީޖީން އޭނާގެ މަގާމުގައި ބެހެއްޓުމަށް ނުފެންނަކަމަށް ނިންމީ ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ އަހުމަދު ހިޝާންއަށް، "އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން" މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ އެކުއެވެ. އެކަމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ. ކުއްލި މައްސަލައިގައި ބަހުސްގައި އެމްޑީޕީގެ ހުރިހާ މެންބަރުންހެން ވަނީ ޝިދާތާ ވަގުތުން އިސްތިއުފާދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި އިސްތިއުފާ ނުދީފިނަމަ، މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރާނެކަމަށްވެސް މެމްބަރުން ވަނީ ބުނެފަ އެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމާއެކު ރައިސުލްޖުމްހޫރިއްޔާ ވަނީ އެމަގާމަށް އިންޑިއާގައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އަޔަންކޮށްފަ އެވެ. އޭނާއަކީ ކުރިން ރައީސް މައުމޫން ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

comment ކޮމެންޓް