ފެބްރުއަރީ7: ދެ ކޮޅުން ވެސް ޝުއޫރުތައް ބަންޑުން ކޮށްލައިފި

7 ފެބުރުއަރީ 2012 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ މައިދާނުގައި --- ސަން ފައިލް ފޮޓޯ

ގިނަ ޕާޓީތަކެއް އެކުލެވޭ ވާދަވެރި ރިޔާސީ އިންތިހާބެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށް ރާއްޖޭގެ ވެރިކަމަށް އައި އެމްޑީޕީގެ ވެރިކަން 'ފުރޮޅުނު' ތާ މިއަދަށް އަށް އަހަރު ވަނީ ވެފަ އެވެ. އެއާ އެކު އެވެރިކަން ބަދަލު ކުރުމަށް ނިކުތް ފަރާތްތަކާއި އޭރު ވެރިކަން ކުރާ އެމްޑީޕީގައި ތިއްބެވި ފަރާތްތަކުގެ ޝުއޫރުތައް ވަނީ ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލާފަ އެވެ.

އޭރުގެ ރައީސް، ނަޝީދުގެ އަމުރުފުޅަށް ސިފައިން ނުކުމެ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާތައް ހޫނުވެ ރައްޔިތުންގެ ގިނަ ބަޔަކު ޖުމުހޫރީ މައިދާނަށް އެއްވެ އިސްތިއުފާ އަށް ގޮވައި ޕްރެޝަރުތައް ކުރިމަތި ކުރުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން މުހައްމަދު ނަޝީދު އިސްތިއުފާދެއްވިކަން އިއުލާން ކޮށްފައިވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު މެންދުރުގެ ވަގުތެއްގަ އެވެ.

ނަމަވެސް ސައުވިސް ގަޑިއިރު ވެސް ނުވަނީސް ކުރީގެ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް ބުނެ މަގުމައްޗަށް ނުކުތެވެ.

ފެބްރުއަރީ ހަތް ވަނަ ދުވަހު ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު އެ ޕާޓީން މަގުމައްޗަށް ނިކުތުމުން ސިފައިންނާ ފުލުހުން އެމްޑީޕީ މެންބަރުން ހުއްޓުވުމަށް ހަރަކާތްތެރިވަނީ --- ސަންފައިލް ފޮޓޯ

އެ ހާދިސާއަށް މިއަދު އަށް އަހަރު ވެފައިވާއިރު އަނެއްކާ ވެސް މިއަދު ވެރިކަމުގައި އޮތީ އެމްޑީޕީ އެވެ. އިދިކޮޅުގައި ޕީޕީއެމް އެވެ. ތަފާތަކީ ފެބްރުއަރީ ހަތެއް ގެނައުމަށް އިސްކޮށް އުޅުނު ބައެއް ލީޑަރުންގެ ހިއްސާ މި ވެރިކަމުގައި އޮވެ އެ ފަރާތްތައް ވެސް މަގާމުތަކުގައި ތިބުމެވެ. ނަމަވެސް އެ ޝުއޫރުތަކަށް ބަދަލެއް ނާދެ އެވެ.

އެގޮތުން އޭރުގެ އިދިކޮޅު ފަރާތެއްގެ ގޮތުގައި ހުރި އަދި މިހާރުގެ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ތަފާތު ޓްވީޓެއް ކުރައްވާފަ އެވެ. މިއަދު މަލީހު ކުރެއްވި ޓްވީޓު، އެމްޑީޕީގެ އިސް ފަރާތްތަކާއި އެކްޓިވިސްޓުން ލޭބަލް ކޮށްފައިވަނީ 'ބަޣާވާތް' ފާހަގަކުރުމަށް ކުރި ޓްވީޓެއްގެ ގޮތުގަ އެވެ.

ގައުމީ ސަލާމް ހިމެނޭ ޔޫޓިއުބް ލިންކަކާއި އެކު ކުރި ޓްވީޓްގައި މަލީހް ވިދާޅުވީ، އިސްލާމް ދީނާއި މިގައުމުގެ މިނިވަންކަމާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުމާއި އަދުލު އިންސާފާއި ޑިމޮކްރަސީގެ އަސާސްތަކަށް ބުރޫއަރާ ކޮންމެ ފަހަރަކު އެކަން ދިފާއު ކުރަން ނިކުންނަވާނެ ކަމަށެވެ. ޓްވީޓް ނިންމަވާލައްވަމުން ޖެއްސެވީ މިއަދުގެ ތާރީހެވެ.

މަލީހުގެ އެ ޓްވީޓަށް ދުއިސައްތައެއްހާ މީހުން ރިޕްލައި ކޮށްފައިވާއިރު މުޅިން ވެސް ހުރީ އެނާއަށް 'ބަވާފަ' އެވެ. އިސްތިއުފާ އަށް ވެސް ގޮވާފަ އެވެ. ނުވިތާކަށް މަގާމުން ދުރުކުރުމަށް ވެސް ގޮވާފަ އެވެ.

ސޯޝަލް މީޑިއާގައި އެމްޑީޕީ މެންބަރުން ގޮވާލަމުން ދިޔައީ އެއީ 'ބަޣާވާތެއް' ކަމަށާއި އެކަމުގައި ޝާމިލްވާ ފަރާތްތައް މިހާރުގެ ސަރުކާރުން ބޭރުކޮށް ހައްގު އަދަބު ދިނުމަށެވެ. އަނެއް ކޮޅުން މިއަދުގެ ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ގިނަ ފަރާތްތަކުން ތިއްބެވީ ހަނުއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ ނައިބް ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރި އެވެ. އެ ކޮމިޝަންގައި ނަޝީދުގެ ފަރާތްޕުޅުން ވެސް ބޭފުޅަކު ހިމެނުނެވެ.

7 ފެބްރުއަރީ 2012 ވަނަ ދުވަހު ބަންޑާރަ ކޮށި ކުރިމަތީފައި ރައީސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ --- ސަން ފައިލް ފޮޓޯ

ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން، ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.

ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން އަބަދުވެސް ބުނަމުން އަންނަނީ ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށެވެ.

comment ކޮމެންޓް