ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ވެރިއަކު ރައްޔިތުންގެ އަސާސީ މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި، ދައުލަތް ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ ގާނޫނަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހު އޭރުގެ ސަރުކާރު ވެއްޓުމާއި އެދުވަހުގެ ހިނގި ކަންކަމާ ގުޅިގެން ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް އަށް އަހަރު މިއަދު ފުރޭ އިރު، އެޓާނީ ޖެނެރަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ވެރިއަކު ދީފައިވާ އަނިޔާގެ މައްސަލަތައް ތަހުގީގުކޮށް، އޭގެ ތެދު ހާމަކޮށް އަދި އެފަދަ ކަންކަން ތަކުރާރުވުން ހުއްޓުވައި، ޖަވާބުދާރީކުރުވަނި ދައުލަތެއް ބިނާކުރުމަށްޓަކައި އިންތިގާލީ އިންސާފުގެ ގާނޫނު މުހިންމު ކަމަށެވެ.
ރިއްފަތު ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ގާނޫނުގެ ބިލު އެ މަޖިލީހުން ފާސްކޮށް، ގާނޫނަކަށް ހަދައި، އަނިޔާ ތަހަންމަލުކޮށްފައިވާ ގިނަ ބަޔަކަށް އަވަހަށް އިންސާފު ލިބުމަކީ މިއަދުގެ އުންމީދު ކަމަށެވެ.
ދެހާސް ބާރަވަނަ އަހަރު އޭރުގެ ސަރުކާރު ވެއްޓުމަށްފަހު ދެން ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ބައެއްގެ އަސާސީ ހައްގުތަކަށް އޭރުގެ ސަރުކާރުގެ ވެރިންނާއި މުއައްސަސާތަކުން އަރައިގަތްކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން 2019 ގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލުގެ މަގްސަދަކީ 2012 ވަނަ އަހަރުން ފެށިގެން 2018 ނޮވެމްބަރު 17 ގެ ނިޔަލަށް ހިނގައިދިޔަ މުއްދަތުގައި، ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމެވެ. ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
ރާއްޖޭގެ ރައްޔިތުންނަށް އިންތިގާލީ އަދާލަތު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އިންތިގާލީ އިންސާފު ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.