ފުލުހުން ފިސްތޯލަ ހިފައިގެން ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ: ރިޔާޒު

އަބްދުﷲ ރިޔާޒު: ފުލުހުން ފިސްތޯލަ ހިފައިގެން ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ވިދާޅުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ފިސްތޯލަ ހިފައިފެން އަމަން ބެލެހެއްޓުމުގެ ހާލަތު އަތުވެއްޖެ ކަމަށް ގަބޫލުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރިޔާޒު މިހެން ވިދާޅުވެފައި މިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ތޫނު އެއްޗަކުން ހަމަލާދީފައި ވަނިކޮށެވެ. އެ ހަމަލާގެ ޒިންމާ ނަގާ، ޖަމާއަތަކުން ވަނީ ވީޑިއޯއެއް އާންމުކޮށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެކަމާ ގުޅިގެން ރިޔާޒު މިރޭ ކުރެއްވި ޓްވީޓެއްގައި ބުނީ، ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ސްވޮޓް ފުލުހުން ފިސްތޯލަ ހިފައިގެން ހަރަކާތްތެރި ވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށެވެ.

"ސްވޮޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށު ތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކެން. ފުލުހުން ބާރުވެރި ކުރެވިގެން ގައުމު އަމާން ކުރެވޭނީ،" ކުރީގެ ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފައެވެ. އަދި ހަމަލާގެ ޒިންމާ ނަގާ އާންމުކުރި ވީޑިއޯގެ ސައްހަކަންވެސް ބަަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާ ދީފައިވަނީ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށެވެ. ހަމަލާތަކުގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ފަރުވާއަށްފަހު އެކަކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އެ ހަމަލާ ދިން ފަރާތްތަކާއި ހަމަލާ ރޭވި ފަރާތްތަކުގެ އިތުރުން އެކަމަށް އެކިގޮތް ގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދެއްވިއެވެ.

ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ރައީސް ނެރުއްވި ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

comment ކޮމެންޓް