ގިޔާސުއްދީން ސްކޫލްގައި ނާސާގެ ޕްރޮގްރާމްތަކެއް ފަށަނީ

ގިޔާސުއްދީން ސްކޫލްގައި ނާސާގެ ޕްރޮގްރާމްތަކެއް ފަށަން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ގިޔާސުއްދީން ސްކޫލް

މާލޭގައި ހިންގަމުންދާ ޕްރައިވެޓް ސްކޫލްއެއް ކަމަށްވާ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި އެމެެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްރޮގްރާމްތަކެއް ފަށަން ނިންމައިފިއެެވެ.

އެ ޕްރޮގްރާމްތައް ފެށުމަށް އިންސްޓްޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް) އާއެކު މިއަދު ވަނީ ގިޔާސުއްދީންއިން އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެެވެ.

އެ އެއްބަސްވުމުގައި އައިޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކިއުޓިވް އޮފިސަރު ރިފްއަތު މުހައްމަދުއެެވެ. އަދި ގިޔާސުއްދީންގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ތޯހާ ސަލީމްއެެވެ.

މިއަދު ވި އެއްބަސްވުމުގެ ދަށުން ފުރަތަމަ ކުރިއަށް ގެންދާނީ ހަނދަށް ދިއުމާ ބެހޭގޮތުން ނާސާއިން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމައި 2024 ގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ކުރިއަށްގެންދިއުމަށް ނާސާއިން ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވިގެންދާނެކަމަށް ގިޔާސުއްދީން ސްކޫލްއިން ބުންޏެވެ.

އޭގެ ތެރޭގައި ނާސާގެ އިންޖިނިއަރުންތަކާއި އެސްޓްރޮނޯޓުންނާއި ސައިންސްވެރިންނަށް ދިމާވެފަިއވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ގިޔާސުއްދީންގެ ދަރިވަރުން ފޯމްރޮކެޓެއް ޑިޒައިންކޮށް ލޯންޗްކުރުމަސް ހަމަޖެހިފައިވެއެެވެ.

އޭގެ އިތުރުން ހަނދުގައި އިންސާނުންނަށް ސާފުބޯފެން ފޯރުކޮށްދެވޭނެގޮތް ދެނެގަތުމަށް ފެން ފިލްޓާ ސިސްޓަމެއް ޑިޒައިންކޮށް ތަފާތު ތަހުލީލްތައް ކުރުމާއި ހަނދުގައި ތަފާތު ތަހުލީލްތައް ކުރުމަށް ދިގުމުއްދަތެއްގައި އިންސާނުންނަށް ދިރިއުޅެވޭނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ދިރާސާކޮށް ދަރިވަރުންގެ މެދުގައި ހިޔާލުބަދަލުކުރުން ހިމެެނެއެެވެ.

comment ކޮމެންޓް