ހިއްސާއަކަށް 12 ރުފިޔާ ބަހަން ދިރާގުން ހުށަހަޅަނީ

ދިރާގުން ބޭއްވި އެކުންފުނީގެ 30 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން--

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން، ހިއްސާއަކަށް 12 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ.

ދިރާގުން މުޅި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހަޅާ އަދަދަކީ 912 މިލިއަން ރުފިޔާ އެވެ.

ދިރާގުގެ 2019 ވަނަ އަހަރު ފައިދާ ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހިއްސާއަކަށް 4.14 ރުފިޔާގެ މަގުން އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބެހި 314.6 މިލިއަން ރުފިޔާ އާއި ހިއްސާއަށް 7.86 ރުފިޔާގެ މަގުން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ހުށަހަޅާ ފައިނަލް ޑިވިޑެންޑެވެ.

ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ މި މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންގެ މެދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުގެ 31 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީހެއް އަދި އިއުލާނު ނުކުރި ނަމަވެސް، އެ ޖަލްސާގެ އެޖެންޑާއާއި ނޯޓިސް އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް ދިރާގުން ބުނެ އެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 12 ރުފިޔާގެ މަގުން ޖުމުލަ 912 މިލިއަން ރުފިޔާ ބަހަން ދިރާގުން ހުށަހަޅަން ނިންމާފައިވާއިރު، 2018 ވަނަ އަހަރު އެކުންފުނިން ބެހީ ހިއްސާއަށް 11.91 ރުފިޔާގެ މަގުން، ޖުމުލަ 905.1 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް