ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ސެނެޓުން ނިންމައިފި

ޓްރަމްޕް

ތެހެރާން (6 ފެބްރުއަރީ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް ކުރެވިފައިވާ ދެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ދުރުކުރަން ނުފެންނަ ކަމަށް އެމެރިކާގެ ސެނެޓުން ނިންމައިފި އެވެ.

މިމައްސަލަ ސެނެޓްގެ ތަޅުމަށް ހުށަހެޅުމުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަޣްލަބިއްޔަތު އޮންނަ ސެނެޓްގައި ހިމެނޭ 100 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓުދެއްވީ ޓްރަމްޕް މަގާމުން ދުރުކުރަން ނުފެންނަ ކަމަށެވެ. އަނެއް 48 މެންބަރުން ވޯޓުދެއްވީ ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަ ކަމަށެވެ. ޓްރަމްޕާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވޯޓު ދެއްވި އިރު ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ މިޓް ރުމްނީ ވޯޓު ދެއްވީ ރިޕަބްލިކަން ވިޕްލައިނާ ޚިލާފުވެ ވަޑައިގެން ޓްރަމްޕާ ދެކޮޅަށެވެ. ސެނެޓްގައި ރިޕަބްލިކަން 53 މެންބަރުން ތިއްބަވާ އިރު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ތިއްބަވަނީ 45 މެންބަރުންނެވެ. މީގެއިތުރުން މިނިވަން މެންބަރުންގެ ގޮތުގައި ދެ މެންބަރުން ތިއްބަވަ އެވެ. އެ ދެ ބޭފުޅުން ވެސް ވޯޓު ދެއްވީ ޓްރަމްޕާ ދެކޮޅަށެވެ.

އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރުމަށް ސެނެޓުގެ ތިންބައިކުޅަ ދެބައި ކަމަށްވާ 67 މެންބަރުންގެ ވޯޓުގެ ބޮޑު އަޣްލަބިއްޔަތެއް ލިބެންޖެހެ އެވެ. ޓްރަމްޕްގެ މައްޗަށް ކޮށްފައި ވަނީ ޔޫކްރޭނުގެ ރައީސް ވްލަޑިމީރު ޒިލިންސްކީ އަށް ފޯނުން ގުޅުއްވައި ޓްރަމްޕްގެ ސިޔާސީ ވާދަވެރިއެއް ކަމަށްވާ އެމެރިކާގެ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންއާ ދެކޮޅަށް ޔުކްރޭންގައި ތަހްގީގްތަކެއް ހިންގުމަށް ޒިލިންސްކީ އަށް ބާރުއަޅުއްވައި އެކަން ނުކޮށްފި ނަމަ ޔުކްރޭނަށް ދިނުމަށް ކޮންގްރެސް އިން ފާސްކޮށްފައިޥާ އެހީ ނުދޭނެކަމުގެ އިންޒާރު ދެއްވިކަމުގެ ތުހުމަތެވެ. މީގެ އިތުރުން ހައުސް އޮފް ރެޕްރެޒެންޓިވް އިން ޓްރަމްޕްގެ މައްޗަށް ކުރި ތަހްގީގްތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރެއްވި ކަމުގެ ތުހުމަތު ވެސް ޓްރަމްޕްގެ މައްޗަށް ކޮށްފައިވެ އެވެ.

ޓްރަމްޕްގެ މައްޗަށް ހިންގި ތަހްގީގަށް ބޭނުންވާ ލިއެކިއުންތަކާއި ހެކިންގެ ގޮތުގައި ހާޒިރުކުރަން ބޭނުންވި ބައެއް ބޭފުޅުން، ހައުސްގެ ކަމާބެހޭ ސަބްކޮމިޓީތަކަށް ފޮނުވުމަށް ޓްރަމްޕް ހުރަސް އަޅުއްވައި އެކަމަށް އެއްބާރުލުން ނުދެއްވި އެވެ. ހައުސް އިން ޓްރަމްޕްގެ މައްޗަށް ކުރި ތަހްގީގްތަކުން މި ދެ ތުހުމަތު ސާބިތުވެސް ވެފައިވެ އެވެ.

މި ދެ ތުހުމަތާ ގުޅިގެން ޓްރަމްޕް މަގާމުން ދުރުކުރަން ޖެހޭ ކަމަށް ހައުސްގެ އަޣްލަބިއްޔަތުން އިން މިދިޔަ ޑިސެމްބަރު މަހު ފާސްކުރުމަށް ފަހު އެ މައްސަލަ ސެނެޓަށް ފޮނުވި އެވެ. ނަމަވެސް ސެނެޓުންވަނީ ޓްރަމްޕްގެ މައްޗަށް ހިންގާ ޝަރީއަތަށް ހެކިން ހާޒިރު ކުރުމަށް ދެކޮޅު ހަދާފަ އެވެ.

ހެކިން ހާޒިރު ނުކުރުމުން ޓްރަމްޕްގެ މައްޗަށް ކޮށްފައިޥާ ތުހުމަތުތައް އެއީ ހަގީގަތެއްކަން ދެނެގަތުމުގެ ފުރްސަތު ޓްރަމްޕްގެ މައްޗަށް ޝަރީއަތް ކުރުމަށް އެކުލަވި ވަގުތީ ކޯޓަށްވަނީ ގެެއްލިފަ އެވެ. އެމެރިކާގެ ރައީސަކު މަގާމުން ދުރުކުރުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު ބޭނުންވެ އެވެ. ޓްރަމްޕްގެ މައްޗަށް ކުރެވިފައިވާ ދެ ތުހުމަތާ ގުޅިގެން އޭނާ މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ސެނެޓުން ނިންމި ނިންމުމާ އެކު އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސަން ވަނީ ޓްރަމްޕް މަގާމުން ދުރުކުރެވޭނެ ގާނޫނީ ހައިޘިއްޔަތެއް ނެތްކަމަށް ވިދާޅުވެ ޓްރަމްޕް ކުށަވެރިނުވާކަމަށް ނިންމަވާފަ އެވެ.

ޓްރަމްޕްގެ މައްޗަށް ޝަރީއަތް ކުރުމަށް އެކުލަވި ވަގުތީ ކޯޓުގެ ވެރިއަކީ އެމެރިކާގެ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ރޮބަޓްސަން އެވެ. ރޮބަޓްސަން އަކީ ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ރިޔާސީ ބާރާއި އޭނާގެ ޕާޓީގެ މެންބަރުން ނަށް ލިބިފައިވާ ކޮންގްރެސްގެ އަޣްލަބިއްޔަތުގެ ބޭނުންކޮށްގެން އެމެރިކާގެ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވާ ޓްރަމްޕްގެ ރަހްމަތްތެރި ބޭފުޅަކަށްވާތީ އެމެރިކާގެ މީޑީއާތަކުން އޭނާ ސިފަކުރަނީ މުސްތަގިއްލު ބޭފުޅަކަށްވުރެ ޓްރަމްޕަށް ވަފާތެރި ބޭފުޅެއްގެ ގޮތުގަ އެވެ.

ސެނެޓްގެ ވޯޓަށް ފަހު އިދިކޮޅު ޑިމޮކެރެޓުންގެ ލީޑަރުން ވިދާޅުވީ ސެނެޓްގެ އަޣްލަބިއްޔަތު އޮންނަ ރިޕަބްލިކަން މެންބަރުން އެމެރިކާގެ ދަސްތޫރާއި ގާނޫނުތަކަށް ވުރެ އަމިއްލަ ޕާޓީގެ މަސްލަހަތާއި ޕާޓީގެ ރޫހު ކުރިޔަށް ނެރުއްވައި ޓްރަމްޕް ދިފާއު ކުރެއްވި ނަމަވެސް ޓްރަމްޕަކީ އެމެރިކާގެ ދަސްތޫރާ ޚިލާފު އަމަލުތަކެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ބޭފުޅެއްކަން ތާރީޚުގައި ލިޔެވިގެންދާނެކަމުގަ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް