އިންތިޚާބުގައި ބާތިލް ވޯޓު ގިނަވެދާނެތީ ކަންބޮޑުވަން: ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސަ

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަ ވުމަކީ އެކަށީގެންވާ ކަމެއް ކަމުން އާންމު ފަރުދެއްގެ ހައިސިއްޔަތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ތައުފީގު ވަނީ މިއަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓު ބާތިލުވާނެ ގޮތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

"އެހެން މި ދަންނަވަނީ މިސާލަކަށް އެއް ދާއިރާއަކަށް މޭޔަރު ހޮވަން ތަންކޮޅުގައި ދެ ފާހަގަ ޖަހައިފިއްޔާ އެ ކަރުދާހުގައި ދެންހުރި ވޯޓުތައްވެސް ބާތިލުވެގެން މިދަނީ،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ގާނޫނަށް ތަބާވާން ޖެހޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން އެފަދަ ކަންތައްތަކަކީ ރަނގަޅުވަމުން، ބަދަލުވަމުން އަންނަ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބުގައި ދެ ކަރުދާސްކޮޅެއް ދޭއިރު އެއް ކަރުދާސްކޮޅެއްގައި ދެ އިންތިހާބެއް އޮންނާނެ ކަމަށެވެ. އެއީ މޭޔަރުގެ އިންތިހާބާއި ކައުންސިލަރުގެ އިންތިހާބެވެ.

"އެތަނުން އެއް ދާއިރާއަކަށް ބެހޭގޮތުންވެސް އިތުރު ފާހަގަތަކެއް ނުވަތަ އިތުރު ރަސްގެއެއް ނޫނީ އިތުރު އަކުރެއް ނޫނީޔާ އިތުރު ރޮނގެއް ވިޔަސް އޮޅުމަކުން ގަލަމުން ރޮނގެއް ލިޔެވިފައި އޮތަސް އެ ބާތިލުވެގެން އެދަނީ އޭގައި ހިމެނޭ ހަތަރު ވޯޓު،" އޭނާ ވިދާޅުވިއެވެ.

ބާތިލު ވޯޓު އިތުރުވުމާ މެދު ކަންބޮޑުވެވަޑައިގަންނަވަނީ އެއް ކަރުދާހުގައި ގިނަ ވޯޓުތަކެއް ލާތީ އެއް ވޯޓެއް ނުބައިވުމުން އެހެން ދާއިރާތަކުގެ ވޯޓު ބާތިލުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް