ޖިންސީ ގޯނާގެ ތުހުމަތުވާ ކާފަ އާއި މުނިކާފަގެ ބަންދު އިތުރުކޮށްފި

ގއ. ކަނޑުހުޅޫދޫ އިން އުމުރުން ދެ އަހަރުވެސް ނުވާ ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.

އެ މައްސަލައިގައި އެ ދެމީހުން ކަނޑުހުޅުދޫ އިން ހައްޔަރު ކުރީ މިދިޔަ މަހު 16 ވަނަ ދުވަހު އެވެ. އަދި އެފަހުން އެމީހުންގެ ބަންދަށް 15 ދުވަސް ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ޖެހި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މައްސަލައިގައި ހައްޔަރު ކުރި 81 އަހަރުގެ މީހާ އާއި 62 އަހަރުގެ މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުުރުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ދެން މި މައްސަލައިގައި ހައްޔަރު ކުރި 33 އަހަރުގެ އެ ކުއްޖާގެ ބައްޕަގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ އެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އޭނާ ދިރުއެޅުމުން އައި ފްލެޓުން މިދިޔަ މަހު 17 ވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ފުލުހުން ބުނެފައިވަނީ ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ކުއްޖާގެ ކާފަ އާއި މުނި ކާފައަށެވެެ. އަދި ބައްޕައަކަށް ކުރެވެނީ އިހުމާލުވިކަމުގެ ތުހުމަތެވެ.

ކުޑަ ކުދިންނާ ބެހުނު ކަމުގެ މާޒީއެއް އޮތް މުނި ކާފަ އެރަށު އެހެން ކުޑަކުއްޖަކާ ބެހުނު މައްސަލައެއްވެސް އަދިވެސް އޮތީ ކޯޓުގަ އެވެ. އެ މައްސަލަ ނުހިނގާތާ ދެއަހަރުވީ އިރު، އޭނާ މިނިވަންވެފައި ހުރުމުން އަނިޔާ ލިބުނު އާއިލާއިން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެ މައްސަލައިގައި ޝަރީއަތް ކުރިއަށް ނުދިޔައީ، އޭރު އެ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އަދި މިހާރު ސަސްޕެންޑްކޮށްފައިވާ ހަސަން ދީދީގެ ސަބަބުން ކަމަށް އެ އާއިލާއިިން ތުހުމަތު ކުރެ އެވެ.

މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަ އަކީ އެ ރަށު މިސްކިތު މުދިމެވެ. އޭނާ މުދިންކަމުގެ ހުއްދަ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ހައްޔަރު ކުރި ކުއްޖާ ބައްޕަ އަކީ މަސްތުވާތަކެތީކެ ރިކޯޑް އޮންނަ މީހެއް ކަމަށް އެރަށު މީހުން ބުނެ އެވެ.

"ސަން" އިން އެ ރަށަށް ކުރި ދަތުރުގައި އެމީހުން ދިރިއުޅެމުން އައި އަންނާރުމާ ގޭގެ ކައިރި، އަވަށްޓެރިން ބުނި ގޮތުގައި، މިކަމުގައި ކުއްޖާގެ މަންމަގެ އިހުމާލުވެސް އެބައޮތެވެ. އެކަން ހިނގަނީ އެ މަންމައަށްވެސް އެނގިގެން ކަމަށް އަވައްޓެރިން ތުހުމަތު ކުރެ އެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި މުނިކާފަ ނިސްބަތްވަނީ ނުފޫޒު ގަދަ އާއިލާއަކުންވުމުން އޭނާ އާ ގުޅޭ ގޮތުން ހުށަހެޅޭ އެއްވެސް މައްސަލައެއް މުއައްސަސާއަކުން ނުބެލޭ ކަމަށް އެ މީހުން ބުންޏެވެ.

ކަނޑުހުޅޫދޫ ސަންގެ ކަވަރޭޖް އިތުރަށް ކިޔާލަން:

comment ކޮމެންޓް