ޖިންސީ އަނިޔާގެ ވާހަކަ ގަބޫލު ނުކުރާ ބައެއް، މިއީ ރޭވުމެއް!

ގއ. ކަނޑުހުޅުދޫގައި މަގުމަތިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގއ. ކަނޑުހުޅުދޫ -- މިދިޔަ ހުކުރު ދުވަހުގެ އިރުއަރައިގެން އައީ، އުމުރުން ދެއަހަރުވެސް ނުވާ ތުއްތު ކުއަޖަކަށް މި ރަށުގައި ޖިންސީ ގޯނާ ކުރި ކަމުގެ ހަބަރުތަކާ އެކު އެވެ. ދިވެހިންގެ ލޭ ކެކި އަރައިގެން ދިޔަ މި މައްސަލައާ ގުޅޭ އެތައް ވާހަކައެއް އަނިޔާ ލިބުނު ކުއްޖާގެ މަންމަގެ އާއިލާއިން އެކި ގޮތްގޮތަށް އެކި ރާގުގައި އާންމުންނަށް ތިލަކުރަމުން ދިޔަ އެވެ. މަންމަގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އެކަން ހިނގާފައިވަނީ މި މައްސަލައިގައި ހައްޔަރު ކުރި ތިން ބަފައިންގެ ބައިވެރިވުމާއެކު އެވެ.

އެކަމަކު މިރަށުގައި ތިބި، އެ ކުއްޖާގެ ބައްޕަގެ އާއިލާގެ މީހުން އަދިވެސް އެ ވާހަކަތައް ގަބޫލެއް ނުކުރެ އެވެ. "ސަން"އާ ވާހަކަ ދެއްކި އެ އާއިލާގެ މެންބަރުން ބުނާ ގޮތުގައި، ކުއްޖާގެ ކާފަ އާއި މުނިކާފަ އެވަރުގެ ގެއްލުމެއް ކުއްޖާއަކަށް ނުދޭނެ އެވެ. އާއިލާގެ ބައެއް މެންބަރުން ބުނީ، މިއީ ބައެއްގެ ރޭވުމެއް ކަމަށެވެ.

މިކަމުގައި އިހުމާލެއް ވާނަމަ ކުއްޖާގެ މަންމައާއި އެއާއިލާގެ އިހުމާލުވެސް އޮންނާނެ ކަން ބައްޕަގެ ފަރާތު އާއިލާއިން ތުހުމަތު ކުރެ އެވެ. މި ބޮޑު މައްސަލައިގައި އެ މީހުން ތިބީ ތުހުމަތުގެ އިނގިލި ދިއްކޮށް އެއް ބަޔަކު ކުށްވެރި ކުރުމުގެ ރޫހެއްގަ އެވެ.

"އަހަރުމެންގެ ބޭބެ [ކާފަ] އާއި ކޮއްކޮ [ކުއްޖާގެ ބައްޕަ] ހައްޔަރުކޮށްފައި އެވަނީ ނުހައްގުން. މަންމަގެ އާއިލާގެ ބޮޑު ރޭވުމެއް މިއީ. އެމީހުން ބޭނުން ވަނީ އެ ދެމަފިރިން ދުރުކޮށް ކުއްޖާ ނަގަން. އެކަމުގެ ތެރޭގައި ފެތުރުނު ވާހަކަތަކެއް މިއީ،" ކުއްޖާގެ ބައްޕަ ފަރާތު ބޮޑުދައިތަ މަރިޔަމް މަނިކެ "ސަން"އަށް ބުންޏެވެ.

އަނިޔާ ލިބުނު ކުއްޖާގެ މައިންބަފައިން ކައިވެނިކޮށްފައިވަނީ އަންހެން މީހާގެ އާއިލާ މީހުންގެ ނުގަބޫލުގަ އެވެ. އާއިލާ ގަބޫލު ނުވެގެން ކައިވެނި ނުކޮށް ރަށްޓެހިވެގެންވެސް އެތަށް ދުވަހަކު އެކީގައި އުޅުނު ކަމަށްވެ އެވެ.

މަސްތުގެ ދުނިޔެއެއްގައި އުޅެމުންދިޔަ މަންމަ މަސްތުވާތަކެތި ބޭނުންކޮށްގެން އޯވާ ޑޯސްވެ، ކަނޑުހުޅުދޫ ސިއްހީ މަރުކަޒަށް ދެ ފަހަރެއްގެ މަތިން މިމަހު ގެންދިޔަ އެވެ. އެންމެ ފަހުން މަންމަ މަސްތުވާތަކެތި ބޭނުންކޮށްކޮށް އޯވަ ޑޯސް ވެގެން ސިއްހީ މަރުކަޒަށް ގެނެސްފައިނީ މި މަހުގެ 13 ވަނަ ދުވަ އެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފެންމަތިވީ އޭގެ ދެދުވަސް ފަހުންނެވެ. ކުއްޖާއަށް އަނިޔާ ލިބިފައިވާކަމަށް ބެލެވިގެން ތިނަދުއަށް ގެންދިޔީ 15 ވަނަ ދުވަހު އެވެ.

ކުރިން ވެސް ވާހަކަ ދެއްކި، މަރިޔަމް މަނިކެ ބުނީ ކުއްޖާ މަންމަ މަސްތުވާތަކެތި ބޭނުންކޮށްގެން އޯވާ ޑޯސް ވުމަށް ފަހު، ތިނަދޫއަށް ގެންދިޔުމުން ކުއްޖާ ދުވާލު ވަގުތު ބަލަމުން ދަނީ މަންމަގެ އާއިލާ އިން ކަމަށެވެ. ރޭގަނޑު ގަޑިއަށް ބައްޕައާ ހަވާލު ކުރާ ކަމަށް މަރިޔަމް މަނިކެ ބުންޏެވެ. އެވަރުގެ ތުހުމަތެއް އޮންނަ ބައެއްގެ ތެރެއަށް، މަންމަގެ އާއިލާއިން ކުޑަކުއްޖާ ދޫކޮށްލައިގެން ތިބީ ކީއްވެތޯ މަރިޔަމް މަނިކެ ސުވާލު އުފެއްދި އެވެ.

"ކުއްޖާއަށް ކިތަންމެ ކުޑަ އަނިޔާއެއް ލިބުނުކަން ފާހަގަ ކުރެވޭ އިރުވެސް، އަޅުގަނޑުގެ ސުވާލަކީ ކީއްވެހޭ އެ ކުއްޖާ ބައްޕައާ ހަވާލު ކުރީ. އެމީހުންނަށް ހިފެހެއްޓެން ޖެހޭނެ. އެފަދަ ގެއެއް ކަމަށް އެމީހުން ބުނާއިރު ކީއްވެހޭ އެކުއްޖާ އެގެއަށް ދޫކޮށްލީ،" މަރިޔަމް މަނިކެ ބުންޏެވެ.

ކުއްޖާއަށް އަނިޔާއެއް ލިބުނު ނަމަ، މިކަމުގައު މަންމަގެ ފަރާތު އާއިލާ މީހުން އިހުމާލުވާނެ ކަމަށް އޭނާ ބުންޏެވެ. ނުނީ އެއީ އެމީހުންގެ "ރޭވުމެއް" ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

ހައްޔަރު ކުރި ކާފަގެ ކޮއްކޮ، މަރިޔަމް މަނިކް: އޭޏާ ބުނީ، މިއީ މަންމަގެ އާއިލާގެ ރޭވުމެއް ކަމަށް --- ސަން ފޮޓޯ/ އަހްމަދުﷲ ހާދީ

ރަށު މިސްކިތު މުދިން ކަން ކުރި ކާފައާ ގުޅޭ ގޮތުން މަރިޔަމް މަނިކް ބުނީ، އޭނާގެ ބޭބެ އަކީ ފަސް ވަގުތު ނަމާދު ކުރާ، އަހްލާގު ރަނގަޅު މީހެއް ކަމަށެވެ. އަދި ދުވަހަކުވެސް އެފަދަ މައްސަލައެއްގައި ބެދިފައި ހުރި މީހެއް ނޫން ކަމަށެވެ.

"އޭނައަކީ [ކާފަ] އިސްލާމްދީނުގެ ހުދޫގެ ތެރޭގައި އުޅޭ މީހެއް. އަޅުގަނޑުމެން މިއެދެނީ އޭނާ ވަގުތުން ވަގުތަށް އެންމެ ސިކުންތަކުވެސް ޖަލުގައި ނުބަހައްޓާ ދޫކޮށްލުމަށް. އެއީ ނުހައްގު ހައްޔަރެއް.،" ގިސްލާ ރޮމުން މަރިޔަމް މަނިކެ ބުންޏެވެ.

އޭނާ ބުނީ ކުއްޖާގެ ބައްޕަވެސް އެކުއްޖާ ދެކެ ވަރަށް ލޯބިވާނެ ކަމަށާއި ގެންގުޅޭނީ ވެސް އެހާ ލޯބިންކަމަށެވެ. އަދި މަންމަ އެހެން މީހަކާ އިނދެގެން ލިބުނު އެއްމާބަނޑު ދެ ކުދިންވެސް އޭނާ ބަލަމުން ދިޔައީ ބައްޕަގެ ލޯބި ދީގެން އެހާވެސް ލޯބިން ކަމަށް އޭނާ ބުންޏެވެ.

ކުއްޖާގެ މުނި ކާފަ އެފަދަ ކަމެއް ކޮއްފާނެ ކަމަށް ގަބޫލު ކުރަންތޯ ސުވާލު ކުރުމުން އޭނާ ބުނީ، މުނި ކާފައާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެ މުނިކާފަ އަކީ އެފަދަ ރިކޯޑް އޮތް މީހެއް ނަމަވެސް މުސްކުޅިވެ، ގައިބާރު ދެރަވެ ދެލޮލުގެ ވަރު ދެރަވެފައިވާ މީހެއް ކަމަށް ވެސް މަރިޔަމް މަނިކެ ބުންޏެވެ. އެހެންވީމާ، އެ ޒާތުގެ ކަމެއް ކުރަން މުނިކާފަގެ ގައިގާ ގައިބާރު ނުހުންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން، ބުއްދި މުޅިން ރަނގަޅު ނޫން ކަމަށް ވެސް، އޭނާ ފާހަގަ ކުރި އެވެ.

"މުނި ކާފަ ވާހަކަ ދައްކާކަން ނެތިން. މުނި ކާފަ އަކީ ބުއްދި ތައްޢައްޔަރުވެ، ލޯ، ބޯ ކޮށިވެ، ވަޅުލާން ތައްޔާރުވެފައި ހުރި މީހެއް. އޭނަ ހައްޔަރުކޮށްގެން އުޅޭ ބަޔަކު އޭނަގެ މަރާ ހަވާލުވާން ޖެހޭނީ،" ރަށު އެކި ކުދިންނަށް ޖިންސީ ގޯނާއާ ފުރައްސާރަ ކުރި ކަމުގެ ރިކޯޑް އޮތް މުނި ކާފައާ ގޫޅޭ ގޮތުން މަރިޔަމް މަނިކެ ބުންޏެވެ.

ކުއްޖާ ބައްޕަ ކިޔާ، މަންމަގެ އާއިލާގެ ތިން މީހުން ތިބޭ!

ކުއްޖާގެ ކާފަގެ ކޮށްކޮ މަދީހާ އަބްދުﷲ ބުނި ގޮތުގައި މި މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ކުއްޖާ މަންމަގެ ފަރާތު އާއިލާއަށް އޭނާ ތުހުމަތުތަކެއް ކުރެ އެވެ. އޭނާ ބުނީ ، ކުއްޖާ މަންމަ ތިނަދުއަށް ގެންދިޔުމުން ދުވާލު ގަޑީ މަންމަގެ އާއިލާގެ ދައްތައެއްގެ ގެއެއްގައި ހުރުމަށްފަހު، ރޭގަނޑަށްވީމަ ކުއްޖާ ބައްޕައާ ހަވާލު ކުރުމަށް އަންނަނީ މަންމަ ފަރާތު އާއިލާގެ ބޭބެއެއް ކަމަށެވެ. އެގޮތަށް ކުއްޖާ ބައްޕަ ކައިރިއަށް ގެންނަނީ ވެސް މަންމަގެ އާއިލާއިން ބޭނުންވެގެން ކަމަށް މަދީހާ ބުންނެވެ.

"ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ،" މަދީހާ ބުންޏެވެ. "އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ،"

ކުއްޖާގެ މަންމަގެ ފަރާތު އާއިލާއިން މީގެ ކުރިން ބުނި ގޮތުގައި، ކުއްޖާއަށް އަމިއްލައަށް އެއްކުޖާއަށް "އައްދޮ" ކުރީ އޭނާ "ބައްޕަ" ކިޔާ ކާފަ ކަމަށް ކުއްޖާ ބުނެ އެވެ.

މަދީހާ ބުނީ، ކުއްޖާގެ މަންމަ ފަރާތު އާއިލާގެ މީހުންނަށްވެސް އެ ކުއްޖާ ބައްޕަ ކިޔާ ކަމަށެވެ. އެގޮތުން އެ އާއިލާގެ ވެސް ތިން މީހަކަށް ބައްޕަ ކިޔާ ކަމަށް އޭނާ ބުންޏެވެ.

"އައްދޮ ކުރީ ބައްޕައޭ [މަންމަގެ] އާއިލާ މީހުން ބުނީ. އެ ކުއްޖާގެ މަންމަގެ ބައްޕަ އަށްވެސް ކުއްޖާ ބައްޕަ ކިޔާ. މަންމަގެ ދައްތަ އިނދެގެން އުޅޭ މީހާއަށްވެސް ބައްޕަ ކިޔާ. މަންމައާ އެއްބަޑު މީހަކަށްވެސް ބައްޕަ ކިޔާ. ދެން މިތަނުން ކޮން ބައްޕައެއްތޯ ބުނާނީ. ކޮބާތޯ ހެކި. އަހަރުންގެ ބޮޑު ބޭބެގެ ނަން ދެން އެތަނަށް އަންނަންވީ ކީއްވެހޭ،" މަދީހާ ބުންޏެވެ.

މުނި ކާފަ އެފަދަ ކަމެއް ކޮށްފާނެތޯ ސުވާލުކުރުމުން މަދީހާ ބުނީ، މުނި ކާފަގެ އެފަދަ ރިކޯޑެއް އޮތަސް ބޭބެގެ ދަރިފުޅުގެ ކުއްޖަކަށް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.

"އުމުރުން 82 އަހަރުވެ، ހިނގާބިނގާވެ ކިރިޔާ އުޅެވެނީ. އޭނަ އަށް ކިރިޔާ ފެންނަނީ. ވާހަކަ ދައްކަނީ ކާކު ކަމެއްވެސް ނޭނގެ. އޭނަގެ ކުރީގެ އެކަހަލަ އަޑެއް އޮވޭ. އެކަމަކު ބޮޑު ބޭބޭގެ ދަރިއަކަށް އެކަން ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރަން. ބޮޑު ބޭބެ ކުއްޖާ ބަލަހައްޓަނީވެސް އެހާ ރަނގަޅަށް. އެހެންވީމަ އެ ޔަގީންކަން އޮވޭ،" މަދީހާ ބުންޏެވެ.

މި މައްސަލަ ހޫނު ކުރީ މަންމަގެ އާއިލާ އިން ދެއްކި ވާހަކަ ތަކުން މީޑިއާއިން ކަމަށް މަދީހާ ބުންޏެވެ. އެހެންވެ މަދީހާގެ ހިތްހަމަ ނުޖެހުން އެކަމުގައި، އޮތީ މީޑިއާ އަށާއި މަންމަގެ އާއިލާއަށެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަދި އަޑެއް އިވުނަކަސް އެވާހަކަ ފަތުރާކަށް ނުޖެހެ އެވެ.

"އެ އާއިލާއިން ދެއްކި ހުރިހާ ވާހަކައެއް މީޑިއާތަކުން ކަވާ ކުރީ، މީޑިއާ އިން މިކަން ބޮޑު ކުރީ. މިއީ ޓެރަރިސްޓް އަމަލެއް. ކުއްޖާގެ އާއިލާގެ މައުލޫމަތު ދިން މީހާއަށް ޓެރަރިޒަމްގެ ދައުވާ ކުރަން ޖެހޭ،" މަދީހާ ބުންޏެވެ.

comment ކޮމެންޓް