މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް (މުއާ) ކައިވެނީގެ ރަންކިޔައިފި އެވެ. ދެމީހުންގެ ކައިވެނީގެ ރަނަކީ 30 ރުފިިޔާ އެވެ.
ދިވެހިވަންތަ ސަގާފީ ކުލަތަކާއި އެކު ވިލިމާލެ ބީޗުުގައި ކުރިއަށްދިޔަ މި ހަފްލާގައި އައްޒަ އާއި މުއާއާ ދެމީހުންވެސް ތިބީ ދިވެހިވަންތަ ހެދުމުގަ އެވެ.
މި ހަފްލާގައި އައްޒަ ހުރީ، ބޯވަޅުއެޅި ހުދުކުލައިގެ ދިވެހި ލިބާހެއްގަ އެވެ. އޭނާގެ މޭކަޕް ކޮށްދީފައިވަނީ މޭކަޕް ހަސަން އެވެ. އަދި މުއާ ފެނިގެންދިޔައީ ހުދު ގަމީހަކާއި މުންޑެއްގަ އެވެ.

ރަންކިޔުމުގެ ހަފްލާގެ ތެރެއިން--- ފޮޓޯ: ރިޝްމީ/އިންސްޓަގްރާމް
ދިވެހި ކެއުމާއި، ފޯރިގަދަ ބޮޑުބެރާއި އެކީ ކުރިއަށްދިޔަ މި ހަފްލާއިން ފެނިގެންދިޔައީ ދެމީހުންގެ އާއިލާއާއި އެންމެ ގާތް ރަހުމަތްތެރީންނެވެ.
ފަހަކަށް އައިސް ސަގާފީ ކުލަތަކާއިއެކު ރަންކިޔުން ބޭއްވުމަކީ ވަރަށް ގިނަ ބަޔަކު ކުރަމުން އަންނަ ކަމަކެވެ. އައްޒަ ބުނާގޮތުން ދިވެހި ލިބާހެއް އޭނާއަށް ލެވުނީ އެންމެ ފަހަރަކު އެވެ. އެއީ އޭނާގެ ދަރިފުޅުގެ ހިތާނީ ހަފްލާގެ ކުޑަ ވަގުތުކޮޅަކަށެވެ. އެހެންކަމުން ލިބާހެއް ލުމަކީ އޭނާ ވަރަށް ކުރަންބޭނުންވި ކަމެކެވެ.
"އަސްލު މީގެކުރިން ދުވަހަކުވެސް ދިވެހި ލިބާހެއް ނުލަން. ހަމައެކަނީ އީތަންގެ ހިތާނީގައި އެންމެ 10 މިނިޓަށް ލިބާހެއް ލެވުނީ. އެހެންވެ ބޭނުންވީ ލިބާހެއްލާން. ދެން މަޖާވެސް ކޮށްލެވޭނީ އަސްލު ދިވެހިވަންތަ ގޮތަކަށް ބޭއްވީމަހެން ހީވަނީ" އައްޒަ ބުންޏެވެ.

އައްޒަ އާއި މުއާ ރަންކިޔުމުގެ ހަފްލާގައި --
އައްޒައާއި މުއާގެ ލޯބީގެ ގުޅުމަށް މިހާރު ދެ އަހަރު ވެފައިވާއިރު، ދެމީހުންވެސް މީގެކުރިން ކުރި ކައިވެންޏަށް ދަރިއަކު ލިބިފައިވެ އެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ "ލޯބި ޖޯޑު" ކަމަށް ގިނަބަޔަކު ބުނާ މި ދެތަރީންގެ ކައިވެނި އޮންނާނީ، މި މަހުގެ 20 ވަނަ ދުވަހު އެވެ. "ސަން"ގެ ޓީމުގެ ފަރާތުން ދެ ތަރިންނަށް ވެސް ކުރިއާލާ މަރުހަބާ ކިޔަމެވެ.