އެމްޑީޕީ ޕްރައިމަރީއާއެކު އިދިކޮޅުން މޭކަރާނެ: މާރިޔާ

މަރިޔާ ވޯޓުލުމަށްފަހު ނޫސްވެރިންނަށް މައުލޫމަތުދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީން މިއަދު ބާއްވާ އެޕާޓީގެ ޕްރައިމަރީއާއެކު އިދިކޮޅު ފަރާތްތަކުން މޭކަރާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީ މިއަދު ރާއްޖޭގެ 93 ރަށެށްގައި ކުރިއަށް އެބަދެ އެވެ.

ދަރުބާރުގެއަށް ވަޑައިގެން އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމަށްފަހު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީއަށް އާންމު މެމްބަރުން ވަރަށް ފޯރިއާއެކު ވޯޓުލުމަށް ނިކުންނަމުންދާ ކަމަށާއި އެމަންޒަރު ފެނި އިދިކޮޅު ފަރާތްތައް މޭކަރާނެ ކަމަށެވެ.

"ހުކުރުން ނިމިގެން މިތަން މިއޮތީ ހަމަ ފުރިފާ. އެހެންވީމަ އިދިކޮޅު ޕާޓީތައް މޭކަރާލާނެ އިނގޭތޯ މިއަދު. ހަމަ ޔަގީން. މިއީ އަދި ޕްރައިމަރީއަށް ނުކުތް މެމްބަރުން. ވިސްނާލައްވާ އަދި ތާއީދުކުރައްވާ މީހުންނާއެކު [ލޯކަލް ކައުންސިލް އިންތިހާބު] ވޯޓަށް ދާއިރު،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ ހަމައަށްދާއިރު، ފެންނަ މަންޒަރަކީ އެޕާޓީން އިންތިހާބު ކާމިޔާބު ކުރާ ތަންކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއްކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، ރައްޔިތުންނާ ގާތުން ވެރިކަން ކުރާނެ ނިޒާމަކަށް ވަކާލާތު ކުރީ އެޕާޓީންކަމަށެވެ. އަދި މިހާރު އެމްޑީޕީން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތައް ލިބިފައިވާކަން މިނިސްޓަރު ފާހަގަ ކުރެެއްވި އެވެ.

"ކިތަންމެ ގޮތަކަށް ކިތަންމެ ގޮންޖެހުންތަކާއެކުވެސް ކައުންސިލަރުންނާއި ކައުންސިލް ރައީސުން ވަކި ކުރަމުން ދިޔައިރުވެސް އެ މީޙުން ކެތްކޮށްގެން ތިބީ. މިއަދު މިއޮތީ ގާނޫނަނަށްވެސް ބަދަލު ގެނެސްފައި،" މަޖިލިސް މެމްބަރުކަން ދެ ދައުރު ކުރެއްވި މާރިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް