ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ދާދި ދެންމެއަކު ފަށައިފި އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓްލުން 93 ރަށެއްގައި އެއްވަގުތެއްގައި ބާއްވާނެ އެވެ. އަދި 169 ފޮށި ވަނީ ވޯޓްލާން ބަހައްޓައިފަ އެވެ.
ވޯޓްލުން ފެށެން އޮތީ މެންދުރު 2:30ގައި ނަމަވެސް ދިމާވި އެކި އިދާރީ ކަންކަމާ ހުރެ ވޯޓްލުން ފެށުނީ މެންދުރުފަހު 3:10 އެހާއިރު އެވެ. މިހާރު ހުރިހާ ރަށެއްގައި ވޯޓްލުން ކުރިއަށް އެބަދެ އެވެ. ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން ވޯޓްލާ ސަރަހައްދުތަކަށް ޖަމާވެފައިވާ އިރު ވޯޓްލާން ކިއު ހަދާފައިވެ އެވެ.
ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު މި ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ލިބިފަ އެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި އާންމު މެމްބަރުންގެ 70 ޕަސަންޓް ވޯޓުލާން ނުކުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެމްޑީޕީ އިންތިހާބު ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު އިތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ، ޕްރައިމަރީގައި އަށް ޕާޓީ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި މިރޭ ވޯޓުލާ ނިމުމަށްފަހު އެ ވޯޓު ފޮއްޓެއްގެ ނަތީޖާ އެތަނުގައި އިއުލާން ކުރެވޭނެ ކަމަށެވެ. އަދި މިފަހަރުގެ ޕްރައިމަރީގައި މައްސަލަތައް މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި ހުންނަ ވޯޓްފޮށިތައް:
- ދަރުބާރުގެ: މާލޭ ރައްޔިތުންނަށް ހާއްސަ
- ކަލާފާނު ސްކޫލް – ގއ އަތޮޅު ، ގދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު
- މަޖީދިއްޔާ ސްކޫލް – އައްޑޫ ސިޓީ، ވ އަތޮޅު، މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
- އިމާދުއްދީން ސްކޫލް – ހއ އަތޮޅު، ހދ އަތޮޅު، ކ އަތޮޅު، އއ އަތޮޅު، އދ އަތޮޅު
- އިސްކަންދަރު ސްކޫލް – ފުވައްމުލައް ސިޓީ، ރ އަތޮޅު، ބ އަތޮޅު، ޅ އަތޮޅު
- އެމްޑީޕީ ހަރުގެ – ތ އަތޮޅު، ލ އަތޮޅު
- ރެހެންދި ސްކޫލް: ހުޅުމާލެ ރައްޔިތުންނަށް
- ވިލިމާލެ: މުހިއްޔިއްދީން ސްކޫލް
ވޯޓުލުން ނިމޭނީ މިރޭ 7:00 އަށެވެ. ވޯޓުލާން ޖެހެނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ. އެހެން ނޫންނަމަ، އެ ވޯޓުގެ އެ ބައި ބާތިލް ވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ މި ޕްރައިމަރީގައި އެންމެ ކެންޑީޑޭޓަކު ކުރިމަތިލާފައިވުމުން މިހާރު 390 ކެންޑީޑޭޓުންނަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ. ޕްރައިމަރީގައި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް މުޅި ޖުމްލަ 1،279 ކެންޑީޑޭޓުން ވަނީ ކުރިމަތިލާފަ އެވެ.
ލޯކަލް ކައުންސިލް އިނތިހާބުގައި އިންތިހާބު ކުރާ ކެންޑިޑޭޓުންގެ އަދަދަކީ، 980 އެވެ. އޭގެ ތެރޭގައި އަންހެނުން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.