އެސްޓީއޯއިން މެޑިކަލް ވެއާހައުސް އެއް ހަދަނީ

ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯއިން އަލަށް ހުޅުވި ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އެތެރެކުރާ ބޭސްތައް އެއްތަނެއްގައި ރައްކާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި މެޑިކަލް ވެއާ ހައުސްއެއްގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ ރާއްޖޭގައި 187 ބޭސްފިހާރަ އޮޕަރޭޓުކުރަމުން ގެންދާ ކަމަށާއި އެހެންކަމުން އެ ހުރިހާ ތަނަކަށް ބޭނުންވާ ބޭސްތައް ބޭނުންވާ ވަގުތު ހުރުމަކީ ކުންފުނީގެ މަގުސަދެއް ކަމަށެވެ.

ނަމަވެސް އެ ގޯލު ހާސިލުކުރުމަށް ވަރަށްގިނަ ދަތިތަކެއް ހުރި ކަމަށް އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

"މައިގަނޑު އެއް ކަމަކީ ރާއްޖެއަށް އެތެރެކޮށް މާލޭގައި ޑިސްޓްރިބިއުޓު ކުރުމަށްޓަކައި ދާ ވަގުތު. އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރިގޮތުން ރަށް ރަށަށް ފޯރުކޮށްދިނުމުގައި އެބަހުރި ވަރަށްބޮޑެތި ދަތިތަކެއް،" އޭނާ ވިދާޅުވިއެވެ.

އެެހެންނަމަވެސް އެސްޓީއޯގެ މުވައްޒަފުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރަމުން ކަމަށާއި މިހާރުވެސް ރަށްތަކަށް ބޭސް ފޯރުކޮށްދެވެނީ އެ ސަބަބާ ހުރެ ކަމަށް އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވީ މިއަހަރު ހަދާ ވެއާ ހައުސް އަކީ ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހެއް އެތަނެއްގެ ތެރޭގައި ރައްކާކުރެވި ރަށް ރަށަށް ފޮނުވަން ޕެކު ކުރެވޭނެ ވަރުގެ ތަނަކަށް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖެއަށް އެތެރެކުރާ ބޭސްތައް ހުންނަނީ އެސްޓީއޯގެ އެކި ވެއާ ހައުސްތަކުގައި ކަމަށެވެ. އެހެން ވުމުގެ ސަބަބުން ރަށަކަށް ބޭނުންވާ އައިޓަމްތައް ހޯދުމަށްވެސް އެކި ވެއާ ހައުސްތައް ހޯދައި ޕެކު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި ތަންތަނުން ހޯދައިގެން މި ޕެކް ކުރަން ޖެހެނީ އެކި އެއްޗެހި އެކި ރަށް ރަށަށް. އަޅުގަނޑުމެން އެއްފަހަރާ ވިއްސަކަށް ރަށަށް އެބަ ޕެކްކުރަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް