ރައްޔިތުންގެ ރައްކަލަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން: ސަރުކާރު

ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ޗައިނާގެ ވުހާން ސިޓީއިން ފެތުރި ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް މިހާރު ފެތުރެމުންދާ ނުރައްކާތެރި، ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްޔިތުންގެ ރައްކަލަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށާއި އެ ބަލީގެ އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން ކަންކަން ސިއްރުކުރަމުންދާކަމަށް ބުނެ ބައެއް އާންމުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި މި ބަލި ހުރިކަމަށް ޝައްކު ކުރެވުނު ޗައިނާ ފަތުރުވެރިއަކު ކަރަންޓީނުކޮށްފައިވާ ކަމުެގ އަޑުތައް ވެސް ފެތުރުނެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި އެވަގުތަކަށް ނަގަން ޖެހޭ ނިންމުމެއް ނިންމުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"ކެބިނެޓްގެ ފަރާތުން ދަންނަވާލަން އަޅުގަނޑުމެން އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން. އާންމު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަން ގަބޫލު ކުރެވޭ. ސަރުކާރުގެ ފަރާތުން ދޭން ބޭނުންވާ ޔަގީން ކަމަކީ، މިކަމާ ގުޅިގެން [ކޮރޯނާ ވައިރަސްއާ ގުޅިގެން] ހިނގާ އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރެއް ނުކުރާނަމޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

"ސަރުކާރަށް އެންމެ މުހިންމުވާނީ ރައްޔިންތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގްތިސޯދު އަންނާނީ އޭގެ ފަހުން. އިގްތިސޯދެއް އޮންނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. މިއީ އިވޯލްވާ ސިޗުއޭޝަނެއް [ހާލަތެއް.] މިރޭ އޮންނަ ހާލަތެއް ނޫން މާދަމާ އޮންނާނީ. އެވަގުތަކަށް ނަގަން ޖެހޭ ޑެޒިޝަނެއް ނެގުމަށް ސަރުކާރު އޮންނާނީ ތައްޔާރަށް،"

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ފަރުވާދޭން ޖެހޭ މީހެއްވެސް އަދި ވައިރަހަށް ޝައްކު ކުރެވޭ މީހެއްވެސް ނުފެންނަ ކަމަށެވެ.

"ރާއްޖެއިން މިވަނީ މިކަމަށް [ކޮރޯނާ ވައިރަހަށް] މުހިންމު ތައްޔާރީތައްވެފައި. އަދި ރާއްޖެއިން މި ބައްޔައް އެއްވެސް މީހަކު ޝައްކު ކުރެވި، ސްކްރީން ކުރެވި، މިބަޔަށް މީހަކަށް ތުހުމަތު ކުރެވިފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، މިބައްޔަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެއާޕޯޓުތަކުގައި ސްކްރީން ކުރަން މިހާރު ފެށިފައިވާ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ، އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތައްޔާރުކޮށް ކަމާގުޅުން ހުރި ތަމްރީން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އަމާޒު މިކުރަނީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނުގައި ތިބި ފަރާތްތަކަށް މިކަމުގެ ފުރިހަމަ މައުލޫމަތުތައް އެރުވުން. ފަރުވާދޭން ޖެހޭ ހާލަތެއްގައި ފަރުވާދޭން ޖެހޭނެ ގޮތްތަކާއި، މީހަކަށް ޝައްކު ކުރެވޭ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކާއި މީހަކށް ޓެސްޓުކުރަން ޖެހޭ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ ގޮތްތަކާ އަދި އެއަށްފަހު އަމަލު ކުރަން ޖެހޭ ގޮތްތަކުގެ މައުލޫމަތު ފޯރުކޮށްދިނުން،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ބަލި ފެތުރިއްޖެ ހާލަތަކަށް ވެސް މިހާރު އޮތީ ތައްޔާރުވެެގެން ކަމަށާއި ސަރުކާރުގެ އެންމެ އިސްކަމަކީ މިހާރު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ. އެގޮތުން ބަލީގެ މައުލޫމަތު ދިނުމަށް އިތުރުކުރަން މިއަދު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ ސަބަބުން އެ ބަލި ފެތުރެމުން އަންނަ ޗައިނާއިން މިހާތަނަށް 106 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ، 4،500 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެންމެ މީހެއް ފިޔަވާ އެ އެންމެނަކީވެސް ޗައިނާ މީހުންނެވެ. އެއާއެކު ބައެއް ގައުމުތަކުން ވަނީ ޗައިނާގެ ފަތުރުވެރިންނަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާ އަދި އެނޫންވެސް ފިޔަވަޅުތައް އަޅާފަ އެވެ.

ރާއްޖޭގައިވެސް ބައެއް އާންމުން ދަނީ ޗައިނާ ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމަށް ގޮވާލަމުންނެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ނިންމުން ނިންމަންޖެހޭ ހާލަތެއް އަދި ނާންނަ ކަމަށާއި ނަމަވެސް އެ ނިންމުން ނިންމަން ޖެހޭ ވަގުތު ޖެހުމުން އެނިންމުންވެސް ނިންމަވާނެ ކަމަށެވެ.

"މިކަމުގައި އާންމު ރައްޔިތުންނާއެކު ސަރުކާރުވެސް މިއޮތީ އެއްގޮތަކަށް. އެކަމުގައި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއެކު ސަރުކާރުން މިވެނި ޑިޒިޝަނެއް ނަގަން ޖެހިއްޖެ ސިޗުއޭޝަންގައި މީގައި ޑިވައިޑެއް [ހިޔާލު ތަފާތުވުމެއް] ނޯންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާ ރައީސް މާދަމާ ބައްދަލު ކުރައްވާނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު އަލީ ވިދާޅުވީ، މިކަމުގައި ނިންމުމެއް ނިންމަވާނީ އެފަރާތްތަކުގެ މަޝްވަރާ އާއި ފަންނީ ބޭފުޅުންގެ ލަފާގެ މަތިންކަމަށެވެ.

އެންމެ ފުރަތަމަ މި ބަލި ފެނުނު ޗައިނާގެ ވޫހާން ސިޓީ މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަލީ ވަހީދު ވިދާޅުވީ، އެހެން ކަމުން މިހާރު އެ ސީޓީއިން ރާއްޖެއަށް ފަތުރުވެރިން އައުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ނަމަވެސް އެ ބަލި ފެނުނު ފަހުން އެ ސިޓީން އެތަށް މިލިއަން މީހުން ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށްފައިވާ ކަމަށާއި އެ ހަގީގަތް ގަބޫލު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް