ކުޅިވަރު މާކެޓިންގް ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދާ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސްޕޯޓްސް މާކެޓިންގް އެންޑް ސްޕޮންސަރޝިޕް ވޯކްޝޮޕް" ގެ ނަމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން އިއްޔެ ފެށި ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ސްޓެލްކޯ ބިލްޑިންގްގައި އިއްޔެ ފެށި މި ވޯކްޝިޕުގައި ކިޔަވައިދީފައި ވަނީ ކުޅިވަރުގެ ދާއިރާއިން ސްޕޮންސަރޝިޕާއި މާކެޓިންގް ދާއިރާގައި 12 އަހަރެއްވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމް އެވެ.

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދާ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިންޓޯއަކީ ބައިނަލްއަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒޫރިކް އިންޝުއަރެންސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

ޖުމުލަ ހަ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި 50 އެއްހާ ފަރާތްތަކުން ބައިވެރިވެފައިވާ އިރު މި ވޯކްޝޮޕުގެ މަގުސަދަކީ ރާއްޖޭގައި ކުޅިވަރުގެ ދާއިރާގައި ތިބި ފުންނާބު އުސް ސްޓޭކް ހޯލްޑަރުންނާއި، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ސްޕޮންސާޝިޕާއި މާކެޓިންގް ދާއިރާއިން ކުރިއަށް ދިއުމުގެ މަގުކޮށާރެއް ބިނާކޮށްދިނުމެވެ.

އެގޮތުން މި ވޯކްޝޮޕުގައި ރާއްޖޭގެ ކުލަބުތަކާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު ކުރިއަރުވަން މަސައްކަތްކުރާ ވިޔަފާރިތަކުން ވަނީ ބައިވެރިވެފަ އެވެ.

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދާ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ވޯކްޝޮޕު ފަށާފައި ވަނީ ސްޕޮންސާޝިޕުގެ ތައާރަފަކުންނެވެ. އަދި އެއަށްފަހު ސްޕޮންސާޝިޕް ޕެކޭޖެއް ތައްޔާރު ކުރާނެ ގޮތްތަކުގެ ތަމްރީންތަކެއް ދީފައިވާ އިރު ސްޕޮންސާޝިޕް ޕިރަމިޑެއް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދީފައިވެ އެވެ.

މީގެ އިތުރުން ވޯކްޝޮޕުގެ ބައިވެރިން ލައްވާ ރަނގަޅު ޕްރޮޕޯސަލެއް ތައްޔާރު ކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވާ އިރު ދުނިޔޭގައި މިކަމަށް އޮތް މާކެޓްތަކާއި ރާއްޖޭގައި ދިމާވަމުން އަންނަ މައްސަލަތައް ވެސް ވަނީ ކިޔައިދީފަ އެވެ.

ވޯކްޝޮޕު ނިންމުމަށްފަހު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވާ އިރު އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އެވެ. މިނިސްޓަރުގެ އިތުރުން ވޯކްޝޮޕުގެ މެއިން ސްޕޮންސަރު ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އަދި ވޯކްޝޮޕުގެ ޕާޓްނަރެއް ކަމަށްވާ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހަސަން ޖަވާޒް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދާ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ އެ ރަސްމިއްޔާތުގައި މިނިސްޓަރ މަހްލޫފް ވަނީ ވޯކްޝޮޕުގައި ކިޔަވައިދެއްވި ސިންޓޯއަށް ރާއްޖެ ތަމްސީލް ކުރާ ހާއްސަ ޓީޝާޓަކާއި ހާއްސަ ހަދިޔާއެއް ރައްދުކޮށްދެއްވައިފަ އެވެ. އެ ޓީޝާޓުގައި ވޯކްޝޮޕުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކުން ވަނީ ސޮއި ކޮށްފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މި ވޯކްޝޮޕަކީ މިވަގުތަށް ބަލާއިރު ވަރަށް މުހިއްމު ވޯކްޝޮޕެއް ކަމަށާއި ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން މިފަދަ ކަމެއް ކުރެއްވީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ވޯކްޝޮޕުގެ ސަބަބުން ބައިވެރިންނަށް ރަނގަޅު ތަމްރީންތަކެއް ލިބުނު ކަމަށް އުންމީދު ކުރައްވާ ކަމަށާއި މާދަމާގެ ވަގުތެއްގައި ވޯކްޝޮޕުގެ ފެސިލިޓޭޓަރު ސިންޓޯ އަޖްރަމްއާ ބައްދަލު ކުރައްވާ ރާއްޖޭގެ ކުޅިވަރު މާކެޓިންގް ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ޖެނުއަރީ 28، 2020: މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ސްޓެލްކޯ ހޯލްގައި ކުރިއަށް ދާ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިންގް ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ މި ވޯކްޝޮޕަށް ރަނގަޅު ތަމްރީންތަކެއް ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް މިފަދަ އިތުރު ވޯކްޝޮޕްތަކެއް ބޭއްވުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

comment ކޮމެންޓް