ރައީސް ބޭނުންވާ ދުވެލީގައި ހިދުމަތް ނުދެވެނީ އެމްޑީޕީ އެތެރޭގެ ކޯޅުމާ ހެދި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ރައީސް ސޯލިހު ބޭނުންވާ ސްޕީޑްގައި ތަރައްގީ ނުގެނެވެނީ އެމްޑީޕީގެ ސަބަބުން ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައި -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވެނީ އެމަނިކުފާނު ނިސްބަތްވާ އަދި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ރޭ އެ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ބައިބައިވުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެ ބައިބަވުންތަކާ އެކު ވެސް އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް ސޯލިހު ސާބިތުކަމާއި ކެތްތެރިކަމާއި އެކު ކުރިއަށް ވަޑައިގަންނަވާކަން ގާސިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އެމަނިކުފާނު (ރައީސް ސޯލިހު) ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުންކަން އަޅުގަނޑަށް ކަށަވަރު،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ މަޝްރޫތައް ލަސްވަނީ ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ތައާރަފް ކުރުމުގެ 'ކްރެޑިޓް' އެމްޑީޕީން ނަގަމުން ދާތީ ގާސިމް ވަނީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރީ ކޮންބައެއް ކަމާއި ކާކުކަން އެމަނިކުފާނަށް ވަރަށް ރަނގަޅަށް އިނގިލައްވާ ކަމަށެވެ.

އެގޮތުން ރައީސް މައުމޫންގެ ދައުރުގެ ފަހު ދުވަސްކޮޅު އެޓޯލްސް މިނިސްޓަރެއްގެ ގޮތުގައި ހުރި އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން، ލާމަރުޒަކީ ނިޒާމް ތައާރަފް ކުރުމަށް ކުރެއްވި މަސައްކަތް ގާސިމް ފާހަގަ ކުރެއްވި އެވެ.

"ރައީސް މައުމޫން ބޭނުންފުޅު ނުވާ ނަމަ އެ ދުވަހު ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނު އަސާސީގައި ލިޔެވިގެން ދިޔައީސް ތޯ. ނުވަތަ ގާނޫނު އަސާސީ އެގޮތަށް ލިޔެވިގެން ދިޔައީސް ތޯ؟ ނޫން ނުދިޔައީސް،" ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް އިބްރާހިމްް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް މައުމޫން އެކަން ކުރެއްވީ ހެޔޮހިތުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް