މިއަހަރުގެ އުރީދޫ ކަލާ ރަން ހުޅުމާލޭގެ އިތުރުން ކުޅުދުއްފުށީގައި ވެސް!

އުރީދޫ ކަލާ ރަން 2020 ބާއްވާ ރަށްތައް އިއުލާނުކުރުން-- ފޮޓޯ/އުރީދޫ

ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވަމުން އަންނަ ދުވުމުގެ ބޮޑު ހަރަކާތް، 'އުރީދޫ ކަލާ ރަން'ގެ މިއަހަރުގެ ދުވުން ހުޅުމާލޭގެ އިތުރުން ކުޅުދުއްފުށީގައި ބާއްވަން ނިންމައިފި އެވެ.

އުރީދޫއިން މިކަން އިއުލާނުކުރީ އެކުންފުނިން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް 'މަރުހަބާ 2020'ގެ ނަމުގައި ބޭއްވި ހަފްލާގަ އެވެ.

ހޮޓެލް ޖެންގައި ބޭއްވި އެ ހަފްލާގައި މިއަހަރުގެ ކަލާ ރަން ބާއްވާ ރަށްތައް އިއުލާނުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުއާއި އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އެވެ.

ކުޅުދުއްފުށީގައި ކަލާ ރަން ފަށާނީ މެއި މަހުގެ 29 ވަނަ ދުވަހުގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ކަލާ ރަން އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ.

އުރީދޫއިން ބުނީ އުރީދޫ ކަލާ ރަން މިއަހަރު ކުޅުދުއްފުށީގައި ބާއްވަން ނިންމީ އެ ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމި ނިންމުމާ އެއްގޮތަށް ކަމަށެވެ.

މިދިޔަ އަހަރުގެ ކަލާ ރަން ބޭއްވީ ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގަ އެވެ.

comment ކޮމެންޓް