އިންޑިއާ ސިފައިންނަށް ވުރެ ގަވާއިދާ ހިލާފަށް އުޅޭ ބައެއް ބިދޭސީންގެ ނުރައްކާ ބޮޑު: މާރިޔާ

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލްިކޮޕްޓަރެއް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު ދުއްވުމާއި ބެލެހެއްޓުމުގައި ތިބޭ އިންޑިއާ ސިފައިންނަށް ވުރެ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާތެރިކަން ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަންތަކަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އެގައުމުގެ ސިފައިންނާއި ޓެކްނިކަލް ފަރާތްތައް ހިމެނޭ ގޮތުން ގާތްގަނޑަކަށް އިންޑިއާގެ 50 އެއްހާ މީހުން ތިބެ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވަނީ އިދިކޮޅުގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ބޭރު މީހުން ނުތިބޭނެ ކަމަށާއި ބޭރު ގައުމެއްގެ އަސްކަރީ ބޭސް އެއް ވެސް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އަދި އިންޑިއާގެ އަސްކަރީ ބޭސްއެއް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން އިޝާރާތް ކުރަމުންދަނީ އިންޑިއާގެ ދެ ހެލިކޮޕްޓަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ދެ ހެލިކޮޕްޓަރު ބޭނުން ކުރަނީ ބަލި މީހުން އުފުލުމަށާއި، ކަނޑުމަތީގެ ހާދިސާތަކުގައި އުޅަނދުފަހަރާއި މީހުން ހޯދުން ފަދަ އިންސާނީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ހިދުމަތްތަކަށް ގިނަ ދިވެހި ރައްޔިތުން ފެންބޮވައިގެންފައި ތިބި ކަމަށެވެ.

މާރިޔާ ވިދާޅުވީ އަމިއްލައަށް ހެލިކޮޕްޓަރު ހޯދައި އޮޕަރޭޓް ކުރުމުގެ މުއްސަނދިކަން ދިވެހި ދައުލަތުގައި ނެތް ކަމަށެވެ. އަދި ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ހަރަދު ކުރުމަށްވުރެ، ރައްޔިތުންނަށް ބޭނުންޖެހިފައިވާ އަސާސީ ހިދުމަތްތައް އެބަހުރި ކަމަށާއި، ފުރަތަމަ އެ ހިދުމަތްތައް ފޯރުކޮށްދިނުން މާބޮޑަށް ވެސް ބޭނުންތެރި ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެންގެ ރިސޯސަސް ރައްޔިތަކަށް ބޭނުންޖެހިދާނެ ކަމަށް އެހެން ހެލިކޮޕްޓަރެއް ތަނެއްގައި ބާއްވާލައިގެން އެހެން ތިބެވޭ ގޮތަށް އަޅުގަނޑުމެން އަމިއްލައަށް ކުރަން ޖެހޭ ހަރަދެއް ވިއްޔާ އެއީ ވަރަށް ބޮޑު ހަރަދެއް. ބޭނުންތެރިކަމެއް އެކަމަކު އަޅުގަނޑުމެންނަށް އެވަރުގެ މުއްސަނދިކަމެއް އަދި ނެތް ދައުލަތެއް. އެއަށް ވުރެ މާ އަސާސީ ކަންކަން އަޅުގަނޑުމެން އެބަތިބި ކުރަން ޖެހިފައި،" މާރިޔާ ވިދާޅުވި އެވެ.

އެހެންކަމުން ބައެއްގެ ފަރާތުން އެފަދަ އެހީތެރިކަމެއް ލިބޭނަމަ، އެ އެހީތެރިކަމެއް ހޯދައިގެން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް އެކަން ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވައި އޮޕަރޭޓްކުރުމުގައި ހަރަކާތްތެރިވާ އިންޑިއާ މީހުން ތިބެނީ "ބޭސް" އެއް ހަދައިގެން ނޫން ކަމަށާއި އެމީހުން ތިބެނީ ދިވެހިންގެ ގެތައް ކުއްޔަށް ހިފައިގެން ރައްޔިތުން ކައިރީ ކަމަށެވެ.

އެހެންކަމުން އެމީހުންނަށް ވުރެ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ހާސް ބިދޭސީންގެ ފަރާތުން ދިވެހި ގައުމަށް ދިމާވެދާނެ ނުރައްކާ މާބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހަމަ ސިއްސައިގެން ދާހާ ގިނަ މީހުން އެބަ އުޅޭ ކަންބޮޑުވާން ޖެހޭ ކަހަލަ. ސެކިއުރިޓީ ގޮތުން ވިސްނައިފިއްޔާ ވެސް، އެމްއެންޑީއެފް އާ ސެކިއުރިޓީ ސެކްޓާގައި އުޅުއްވާ ބޭފުޅުން، އެވެސް ސެކިއުރިޓީ ރިސްކެއް ކަމަށް ބެލިދާނެ ކަމަށް ވިދާޅުވާ ކިތަންމެ ވައްތަރެއްގެ ބިދޭސީން އެބައުޅޭ ރާއްޖެގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ބައެއްގެ ފަރާތުން ދިވެހިންނަށް ލިބެން އޮތް ފަސޭހައެއް ގެއްލިގެން ހިނގައިދާނެ ފަދަ ގޮތަކަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ލިބޭވަރަކުން ދެ ގައުމު ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގެ ވިސްނުންތަކެއް އެމްއެންޑީއެފްއިން ގެންގެޅޭ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ.

ހެލިކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ލިބޭވަރަކުން ދެ ގައުމު ގުޅިގެން އޮޕަރޭޝަންތައް ހިންގުމުގެ ވިސްނުންތަކެއް އެމްއެންޑީއެފްއިން ގެންގެޅޭ ކަމަށް މީގެކުރިން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް